ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު މިދިޔަ އަހަރު %30 ދަށަށް ގޮސްފައިވާކަމަށް ލަފާކުރެވޭކަމަށް ކްރެޑިޓް ރޭޓިންގް އޭޖެންސީ، ފިޗްއިން ހާމަކޮށްފިއެވެ.
ފިޗްއިން ނެރުނު އެޝިއާ ޕެސިފިކް ސަރަހައްދުގެ ސީސީސީ ރޭޓިންގ ދީފައިވާ ޤައުމުތަކުގެ ކްރެޑިޓް ރިސްކުތަކާއި ބެހޭ ގޮތުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، މިދިޔަ އަހަރު މިސަރަހައްދުގެ 3 ޤައުމެއްގެ ކްރެޑިޓް ރޭޓިންގ ދަށްކުރި ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ލާއޯސްގެ ރޭޓިން ދަށްކުރެވުނު އިރު، ލަންކާ އަދި ރާއްޖެ ނޮވެމްބަރުމަހު ވަނީ ސީސީސީ ރޭޓިންގއަށް ދަށްކޮށްފައެވެ.
މީގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ފިޗް އިން ބުނެފައިވަނީ ކޯވިޑް-19 އިގެ ސަބަބުން ޤައުމު ތަކުގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރުކަމަށް ބުނެފައިވެއެވެ. އެގޮތުން ރާއްޖެ އަދި ލަންކާ ފަދަ ޤައުމުތަކަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމުތަކަށްވެފައި މިޤައުމުތަކުގައި ސިނާޢަތް ވެއްޓިގެން ދިއުމުގެ ސަބަބުން އިޤްތިޞާދު ދަށްވެގެން ދިޔަ ކަމަށެވެ. އެގޮތުން ރާއްޖެގެ އިޤްތިޞާދު %30 ދައްވިއިރު، މިވަރަށް އެންމެ ފަހުން އިޤްތިޞާދު ހުރީ 2015 ވަނަ އަހަރުގައި ކަމަށް ފިޗްއިން ބުނެއެވެ.
ފިޗް އިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %105 އަށް 2022 ވަނަ އަހަރު ނިމޭއިރު އަރާނެއެވެ. ފިޗްއިން ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރަށް ދައްކަން ފަށަން ޖެހޭ ލޯނެއް ރާއްޖޭގައި ނެތެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން އަންނަ އަހަރުގެ ދެވަނަ ކުއާޓަރ އާއި ހަމައަށް 468 މިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ހުރިއިރު މީގެ ތެރެއިން 142 މިލިއަން ޑޮލަރު މިއަހަރު މިއަހަރު ދައްކަންޖެހެއެވެ.
ފިޗް އިން ލަފާ ކުރާ ގޮތުގައި، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށް ދިޔަނަމަވެސް، މިއަހަރު އަދި އަންނަ އަހަރު އިޤްތިޞާދު އަހަރަކު %18 ކުރި އަރާނެއެވެ.
ފިޗް އިން ބުނީ، ރާއްޖޭގެ ކްރެޑިޓް ވޯދިނެސް ރަނގަޅުކުރުމަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީތެރިކަން މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ. އެގޮތުން އިޤްތިޞާދު ކުރިއެރުވުމަށް ބޭރުގެ ފަރާތްތަކުގެ ގިނަ އެހީތަކެއް މިދިޔަ އަހަރުވެސް ލިބިފައިވާއިރު، މިއަންނަ އަހަރުވެސް އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ އެހީތެރިކަން ލިބޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް ފިޗްއިން ބުނެއެވެ. މީގެ އިތުރުން ކޯވިޑް-19ގެ އަސަރު ކުޑަ ކުރުމަށް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފިޗްއިން ވަނީ ފާހަގަ ކޮށްފައެވެ.
އަދި މިއީ ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުން އަރައިގަތުމަށް މުހިންމު ކަމަކަމަށްވާއިރު، ސަރުކާރުން މިހާރު ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތުތަކުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ފިޗްއިން ޤަބޫލު ކުރެއެވެ. އަދި ޤައުމު ތަކުގެ މެދުގައި އޮންނަ ޙާރިޖީ ރަނގަޅު ގުޅުންތައް މިފަދަ އެހީތެރިކަމަށް ހޯދުމަށް ވަރަށް ބޮޑު ރޯލެއް އަދާ ކުރާކަންވެސް ފިޗްއިން ވަނީ ފާހަގަކޮށްފައެވެ.
ފިޗް އިން ބުނީ ސީސީސީ ރޭޓިންގް ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން މިފަދަ އެހީތެރިކަން ލިބުން ގާތީ ރާއްޖެއަށް ކަމަށާއި، ލަންކާއަށް އެހީތެރިކަން ހޯދުމަށް ދަތިތަކެއް ހުރިއިރު ލާއޯސް އިން އެފަދަ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށެވެ.