ވިޔަފާރި

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި


ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަ ކުރެވިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މާލޭގައި ހުޅުވާފިއެވެ.

އޯކިޑް މަގުގައި ހުޅުވި މިފިހާރައަކީ އޮތެންޓިކް މޯލްޑިވްސްގެ 3 ވަނަ ފިހާރައެވެ. މިފިހާރަ ހުޅުވުމުގެ ރަސްމީއްޔާތުގައި ޖަޕާނުގެ ސަފީރުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނީ، އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ އައުޓްލެޓް ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންނަށް އަމާޒު ކޮށްގެން ހުޅުވުނު ނަމަވެސް، ހުޅުމާލެ ސެންޓްރޯ މޯލްގައި މިދިޔަ އަހަރު އެއް ފިހާރަ އާއްމު ރައްޔިތުންނަށް އަމާޒުކޮށް ހުޅުވާފައިވާކަމަށެވެ.

" ހުޅުމާލެ އާއި މާލޭގައި އައުޓްލެޓަކީ، ލޯކަލް އަދި ފޮރިން މާކެޓަށް ހުޅުވުނު ދެ އައުޓުލެޓް. އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ދިވެހި އުފެއްދުންތަކަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު އުފެއްދުން ތަކަކަށް ހެދުން. " ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ޕޮރެޖެކްޓް ޑައިރެކްޓަރ ސާމިހް އާދަމް ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސް އިން ބުނީ، މިހާރުވެސް ފިހާރަގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ފިހާރަ ހުޅުވުމާއި ގުޅިގެން އެކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މިއީ ހުނަރުވެރި ދިވެހިންގެ އަދި ޙައްސަކޮށް އަންހެން ކަނބަލުންގެ އުދެއްދުންތައް ވިއްކުމަށް ލިބިގެން ދިޔަ ފުރުސަތެއް ކަމަށެވެ.

މިފިހާރަ ހުޅުވައިދެއްވުމަށްފަހު ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ، ރާއްޖެ އަންނަ ގިނަ ފަރާތްތަކުން އަނބުރާ ޤައުމަށްދާއިރު ރާއްޖޭ ރަމްޒުކޮށްދޭ ކޮންމެވެސް އެއްޗެއް ގެންދަން ބޭނުންވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން މިފަދަ އެއްޗެއް ހޯދުމަކީ ބޭރުން އަންނަ ފަރާތްތަކަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް މިފަދަ ފިހާރައެއްގެ ސަބަބުން އަނބުރާ ގެންދާ އެއްޗަކީ ރާއްޖޭގެ އުފެއްދުމެއް ކަން ޔަޤީން ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ފިހާރައިގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ މިފަދަ ޕްލެޓްފޯމެއް ލިބިގެން ދިއުމަކީ ކޯވިޑް ހާލަތުގައިވެސް ޒުވާން އުފެއްދުންތެރިންނަ ލިބޭ ފުރުސަތެއް ކަމަށެވެ. އެގޮތުން މިހާލަތުގައި ގޭގައި އެކި އެއްޗެހި އުފައްދާ ޒުވާނުން ގިނަވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

"އޮތެންޓިކް މޯލްޑިވްސް" ފިހާރަ މެދުވެރިކޮށް ދާއިމީ ގޮތެއްގައި ދިވެހި އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތްތަކެއް ވަނީ ފަހިވެގެންގޮސްފައެވެ. އަދި މިހާރުވެސް މި ފިހާރަތައް މެދުވެރިކޮށް 50 އަށްވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ބީސީސީން ވަނީ ފަހިކޮށްދީފައެވެ.