ޚަބަރު

ހައިޑްރޯގްރެފިކް ސަރވޭ: ކުޅުދުއްފުށީ ބޭރުން ބޮޑެތި އުޅަނދުފަހަރު ބަނދަރުކޮށް، ވަދެވޭނެ ސަރަހައްދެއް ހޯދައިފި


ރާއްޖެ އަންނަ ބޮޑެތި މަނަވަރުތަކާއި ނައުފަހަރު ބަނދަރުކޮށް ވަދެ ނުކުމެވޭނެ ރައްކާތެރި ސަރަހައްދެއް ކުޅުދުއްފުށި ބޭރުން ހޯދައިފިއެވެ.

މިސަރަހައްދު ހޯދިފައިވަނީ ރާއްޖޭގައި ނިޔަމިކަމުގައި ބޭނުންކުރާ މަޢުލޫމާތު ހިމެނޭ ޗާޓުތައް އަޕްޑޭޓުކުރުމަށް ޤައުމީ ދިފާޢީބާރާއި އިންޑިއަން ނޭވީ ގުޅިގެން ފެށި ހައިޑްރޯގްރެފިކް ސަރވޭގެ ހޯދުންތަކުންނެވެ.

ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދިޔަ މި ސަރވޭގެ ފުރަތަމަ ބުރު ނިންމާލާފައިވަނީ ކުޅުދުއްފުށި ސަރަހައްދުގެ ސާވޭގެ އިތުރުން، ތިލަދުންމަތި ދެކުނުބުރިން ފެށިގެން މިލަދުންމަޑުލު އުތުރުބުރިއާ ހަމައަށް ހިމެނޭ ސަރަހައްދުގެ (ގާތްގަނޑަކަށް 4068 އަކަ ކިލޯމީޓަރު) ސާވޭވެސް ފުރިހަމަކޮށްފައެވެ.

މިއާއެކު ނޮޅިވަރަންފަރާއި، ނޮޅިވަރަމް، އަދި ކުޅުދުއްފުއްޓާއި ކުމުންދުއަށް ވަންނަ ނެރު ދެނެގަނެވިފައިވާއިރު، މީގެ ސަބަބުން ސަރަހައްދަށް އަންނަ އުޅަނދުފަހަރަށް ދަތުރުފަތުރުގައި އަދި ނެވިގޭޝަންގައި ފަސޭހަވެ، އެ ސަރަހައްދަށް އަންނަ ޔޮޓުތަކުގެ ޢަދަދު އިތުރުވެގެންދާނެއެވެ.

މި ސާވޭއާއެކު ދިވެހިރާއްޖޭގެ އުތުރު ސަރަހައްދުގެ ރަށްތަކުގެ ނެރުތަކާއި ފަޅުތައް ދެނެގަނެވޭނެ ކުޑަ ސްކޭލް ޗާޓެއް ކުރިމަގުގައި ޝާއިއު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިސަރވޭއާގުޅޭ މައުލޫމާތު ޙިއްސާކުރައްވަމުން ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ޗާޓުތައް އަޕްޑޭޓުކުރުމުގެ މަސައްކަތުގެ ދަށުން ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގެ ލާޖްސްކޭލް ޗާޓު މިހާރު ނިންމާލެވިފައިވާކަމަށެވެ.

"މިފަހަރު މިކުރިއަށްގެންދެވުނީ ރާއްޖޭގައި ކޮމާޝަލް ބަދަރެއްގެ ގޮތުގައި ބޭނުންކުރާ ކުޅުދުއްފުށި ބަނދަރު ސަރަހައްދުގެ ލާޛްސްކޭލް ޗާޓެއް ހެދުމުގެ މަސައްކަތް. ޚާއްސަގޮތެއްގައި އެތަނަށް ވަންނަން ބޭޏުންވާ އެޕްރޯޗަސް އަދި އެންކަރޭޖް މި ސަރަޙައްދުގައި ނެތުމާއިއެކީގައި ކުރެވިގެންދިޔަ ސަރވޭއެއްމީ. މިސަރވޭގެ ޑޭޓާތައް ބޭނުންކޮށްގެންހަދާ ޗާޓުތައް ނިކުންނާނީ މިއަހަރުގެ ފަހުކޮޅު" ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިންޑިއަން ނޭވީއާ ގުޅިގެން ކުރިއަށްގެންދިޔަ މި ސަރވޭގެ ސަބަބުން މިފަދަ ބައެއް ކުދިކުދި ސަރވޭތައް ހެދުމަށް ގުޅުންހުރި ދާއިރާތަކުގެ ސިފައިން ތަމްރީނުކުރެވިފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ހިމެނޭ އެހެން ސަރަޙައްދުތަކުގެ ޗާޓުތައްވެސް ހަދާނެކަމަށެވެ.

ހައިޑްރޯގްރެފިކް ސަރވޭގެ ދަށުން އެއްކުރެވޭ މަޢުލޫމާތުން ރާއްޖޭގެ ތިމާވެއްޓާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ފައިދާތަކެއް ކުރާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 1800ގެ އަހަރުތަކުގައި ސެޓެލައިޓް ފޮޓޯއާއި ހޭންޑް ލެޑްލައިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނެވިގޭޝަނަލް ނުވަތަ ނިޔެވިކަމުގެ މެޕްތަކެކެވެ. އެއަށްފަހު މިޗާޓުތައް އަޕްޑޭޓު ކުރުމަށް 2007 ވަނަ އަހަރު ކުރެވުނު މަސައްކަތުން މިވަގުތު ރާއްޖޭގައި އެތެރެވަރީގެ ލާޖް ސްކޭލް ޗާޓުތައް ހެދިފައިވަނީ ހަމައެކަނި މާލެއާއި އައްޑޫ ސިޓީގެ އިތުރުން އިހަވަންދިއްޕޮޅުގައެވެ.

މުކޮސް

މީ ވަރަށް ރަނގަޅު ކަމެއް. އެހެންނަމަވެސް އިނޑިޔާ ލައްވާ މިކަންކުރުވުން އެއީ ބުއްދިވެރި ކަމަކަށް ނުދެކެމެވެ.