ޚަބަރު

ބިލިއަން ޑޮލަރުގެ ފްލޯޓިންގ ސިޓީ މަޝްރޫއު އިފްތިތާހުކޮށްފި


ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ތަރައްގީކުރަން މަސައްކަތްކުރި ފްލޯޓިން ސިޓީގެ މަޝްރޫޢު އަލުން ލޯންޗުކޮށް ޢަމަލީ މަސައްކަތް މިއަހަރު ފެށުމަށް ނިންމައިފިއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީ ކުރުމަށް އެންމެ ފުރަމަތަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރި ޑަޗް ޑޮކްލޭންޑް ކުންފުންޏާއިއެވެ.

އާދީއްތަ ދުވަހު މިމަޝްރޫޢު ލޯންޗުކުރުމަށްް ބޭއްވި ރަސްމީއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އަދި މިމަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް ކުންފުނީގެ ސީއީއޯ ޕައުލް ވެން ޑި ކޭމްޕް އިތުރުން ބައެއް މަޖިލީސް މެންބަރުން ބައިވެރިވެ ވަޑިގެންނެވިއެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ހިންގާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ބިލިއަނެއްހާ ޑޮލަރުގެ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު މިރަށުގައި އަޅާނެއެވެ. މިކަމައްޓަކައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ވަނީ ދީފައެވެ. މިމަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓުވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން އަޅާ ހައުސިންގް ޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކަށް ވާނެއެވެ.

ފްލޯޓިންގް ސިޓީ އަޅާއިއިރު މުޅިންވެސް ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.