ޚަބަރު

ސީރަމް އިންސްޓިޓިއުޓާއެކު އެއްބަސްވީ އިތުރު 300،000 ޑޯޒް ވެކްސިން ގެނައުމަށް - ޑރ.ނަޒްލާ


އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު އެއްބަސްވެފައިވަނީ އިތުރު 300،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހޯދުމަށްކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާވަނީ ރާއްޖެއަށް މިހާތަނަށް ލިބުނު ވެކްސިންގެ ތަފްސީލްތަކާއި ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ހާމަކުރައްވާފައެވެ. ޑރ.ނަޒްލާ ވިދާޅުވީ މިހާތަނަށް ރާއްޖެއަށް 201،200 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ލބިފައިވާކަމަށެވެ. އެއީ އިންޑިއާއިން ހަދިޔާކުރި 20،000 ޑޯޒްއާއި ކޯވެކްސް ފެސިލިޓީގެދަށުން ރާއްޖެއަށް ލިބުނު ކޮވިޝީލްދްގެ 12،000 ޑޯޒްގެ ވެކްސިންއެވެ. މިހާރު ކުރިއަށްދަނީ މި ޑޯޒްތަށް ދިނުމުގެ މަސައްކަތެވެ.

މީގެ އިތުރަށް ސައިނޯފާމްގެ 18،000 ޑޯޒްގެ ވެކްސިންވަނީ ލިބިފައެވެ. މި ވެކްސިންއަށް ހުއްދަ ދިނުމުގައި ބަލަންޖެހޭ ކަންކަން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންނަނީ ބަލަމުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ އިތުރު ވެކްސިން ހޯދުމުގެ މަސައްކަތްތައްވެސް ހުއްޓާނުލާ ކުރިއަށްދާކަމަށެވެ. އެގޮތުން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ވެކްސިންތައްވެސް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ޗައިނާއިން ހަދިޔާކުރާ 200،000 ޑޯޒްވެސް ލިބުމުގެ މަގުމަތީގައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ސިނުމަށް ހަމަޖެހިފައިވާ 108،000 ޑޯޒްގެ ވެކްސިންގެ 12،000 ޑޯޒް މިހާތަނަށް ރާއްޖެއަށްވަނީ ލިބިފައެވެ.

"ފައިޒާ ވެކްސިންގެ 58،050 ޑޯޒް ހޯދަމުންދަނީ. އަދި އިންޑިއާގެ ސީރަމް އިންސްޓިއުޓުން ކޮވިޝީލްގޭ އިތުރު 300،000 ޑޯޒް ގެނައުމަށްވަނީ އެއްބަސްވެފަ" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުންވަނީ އެސްޓްރާޒެނެކާގެ 700،000 ޑޯޒް ހޯދުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މި ވެކްސިންވެސް މިމަހު ފަހުކޮޅު ނޫނީ އަންނަ މަހު ލިބޭނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ރާއްޖޭގައި ވެކްސިންދޭން ފެށީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މިހާތަނަށް ދެމުން އަންނަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެކަންޏެވެ.