ޚަބަރު

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި


ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިއަދު މެންދުރު ބާރަަގަޑި ސުންމިނެޓުން ފެށިގެން 30 ދުވަހަށެވެ.ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ރާއްޖޭގައި ނުރައްކާތެރި ހަތިޔާރުތަކެއްގެ ބޭނުންކުރަން ބަޔަކު ރާވަމުންދާތީ، މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތީ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުންކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވެއެވެ. ކުއްލި ނުރައްކަލުގެ ހަލާތު އިއުލާންކުރެއްވުމާއި ގުޅިގެން ޤާނޫނުއަސާސީގެ ބައެއް އަސާސީ ހައްޤުތަކާއި ބެހޭ މާއްދާތަކަށް ވަނީ އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.ނަމަވެސް ވަކި ވަގުތެއްގައި މަގުމައްޗަށް ނިކުތުން އެއްވެސް ރައްޔިތަކަށް މަނައެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވެއެވެ.ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.