ޚަބަރު

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައިވާ މަޢުލޫމާތުކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް - ޑިފެންސް މިނިސްޓްރީ


ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއްކަން ޑިފެންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި ޑިފެންސް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއްކަމަށްބުނެ، އޮންލައިން މީޑިއާއެއްގައި މަޢުލޫމާތުތަކެއް ދައުރުވަމުންދާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއްކަން ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ޑިފެންސް މިނިސްޓްރީންވަނީ ގެންނަވާފައެވެ.

ޑިފެން މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާގުޅިގެން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ އިސްވެރިންނާ ހަވާލާދީ ކަމަށްބުނެ ހަޤީގަތާޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ދަށު ދަރަޖައިގެ، ފިނޑި އަމަލެއްކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ގުޅޭގޮތުން އަމިއަލަ މީޑިއާއެއްގައި ދޮގު ޚަބަރު ފަތުރާފައިވާކަން ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިދިޔަ މަހުގެ 21ވަނަ ދުވަހު ސޮއިކުުރުމުގެ އެއްބަސްވުމުގައިވަނީ އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

އަދި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެކަމަށެވެ.