ވިޔަފާރި

އައްޑޫގެ ފަތުރުވެރިކަމުގެ ޒޯންތަކުން ބިން ދޫކުރުމަށް ދެވަނަ ބުރަށް ހުޅުވާލައިފި


އައްޑޫސިޓީން ފަތުރުވެރިކަމަށް ހާއްސަ ކުރެވުނު 5 ސަރަހައްދުގެ ތެރެއިން 4 ސަރަހައްދަކުން، 62 ބިމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، މި ބިންތަކަށް ކުރިމަތިލާ ފަރާތްތަކަށް ބީލަން ފޮތްގަތުމުގެ ފުރުސަތު އައްޑޫސިޓީ ކައުންސިލް ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެގޮތުން ބީލަން ފޮތް ވިއްކަން މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. އަދި ޕްރީބިޑް މީޓިން އެޕްރީލް މަހުގެ 5 ވަނަ ދުވަހު އޮންނައިރު، ބީލަން ވިއްކުން މޭއިމަހުގެ 3 ވަނަ ދުވަހުން 5 ވަނަ ދުވަހަށް ކުރިއަށްދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫގެ 5 ސަރަހައްދަކުން 96 ބިމެއް ސިޓީ ކައުންސިލުން ފަތުރުވެރިކަމަށް ހުޅުވާލިއެވެ. ނަމަވެސް ފަހުން ހިތަދޫގެ 2 ބިމާއި ފޭދޫގެ ބިމެއް މިސަރަހައްދުގެ ވިޔަފާރި ބޭނުމަށް ބަދަލުކޮށް 93 ބިން ދޫކުރަން ނިންމިއެވެ. އެގޮތުން މިމަޝްރޫއުގެ ދަށުން ފުރަތަމަ ކުރި އިއުލާނުން 31 ފަރާތަކުން ބީލަން ކާމިޔާބު ކުރިއިރު، ބާކީ 62 ބިމަށް ފުރުސަތު އަލުން މިވަނީ ހުޅުވާލާފައެވެ.

ހިތަދޫގެ 3.7 ހެކްޓަރު ސަރަހައްދެއް ބިން ދޫކުރުމަށް ކަނޑައެޅިފައިވާއިރު، 21 ބިމަށް ދެވަނަ ބުރުގައި ވަނީ ހުޅުވާލާފައެވެ. ފޭދޫގެ 3.2 ހެކްޓަރުގެ ބިން ކަނޑައެޅި، 12 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. ހުޅުދޫއިން 4.65 ހެކްޓަރުގެ ސަރަހައްދަކުން ދެވަނަ ބުރުގައި 15 ބިން ދޫކުރާނެއެވެ. މީދޫގެ 3 ހެކްޓަރު ބިމުން 14 ބިން ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ، ފުރަތަމަ ބީލަން ކާމިޔާބުކުރި ފަރާތްތަކާއެކު މިހަފްތާތެރޭ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށާއި، މިސަރަހައްދުތަކުން މިހާރު ވިޔަފާރިބޭނުމަށް ބިން ދޫކުރުމަށް ނިންމައި، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މިވަގުތު ޒޯންތަކަށް ޒަރޫރީ ޙިދުމަތް ދިނުމަށް ފެނާއި ނަރުދަމާ އަދި ކޭބަލްއެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. އަދި ލޭންޑްސްކޭޕް މަސައްކަތްވެސް ހުރިހާ ޒޯނެއްގައި ހަވާލުކުރެވިފައިވާ ކަމަށާއި، އެމަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ، މިހާރު ދޫނުކުރެވި ހުރި ބިންތަކުގެ ތެރެއިން ބިން ދޫކުރުމަށް އަދި އިތުރަށް ހުޅުވާލާނެ ކަމަށެވެ. މިމަޝްރޫއަކީ ސަރުކާރުގެ ފަރާތުން އައްޑޫގައި 8000 އެނދު ތަރައްޤީ ކުރުމަށް ވީ ވަޢުދުގެ ދަށުން 4000 އެނދު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.