ޚަބަރު

މިނިވަންކަން ގެއްލޭފަދަ އެއްބަސްވުމަކަށް ސިފައިން ޖާގައެއް ނުދޭނެ، އަސްލެއްނެތް ވާހަކަ ނުފަތުރާ - ޒަކަރިއްޔާ މަންސޫރު


ރާއްޖޭގެ މިނިވަންކަން ގެއްލޭނެފަދަ އެއްބަސްވުމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަނުދޭނެކަަމަށާ، ދިވެހި ސިފައިންނާ ގުޅޭގޮތުން އަސްލެއްނެތް ދޮގު ވާހަކަތައް ނުފެތުރުމަށް ބްރިގޭޑިއާޖެނަރަލް ޒަކަރިއްޔާ މަންސޫރު ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ، އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކުން ހާމަކުރަމުންދާ ޚަބަރުތަކާ ގުޅިގެން ދިވެހި އަސްކަރިއްޔާގެ އެންމެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބްރިގޭޑިއާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ވިދާޅުވެލެއްވިކަމަށާ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާނެފަދަ މާއްދާތަކެއް އެ އެގްރީމެންޓުގައި ނެތްކަމަށެވެ.

ސިފައިންގެ ޚިދުމަތުގައި 37 އަހަރު ހޭދަކުރައްވާފައިވާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަށް ނިސްބަތްކޮށް އަސްލެއް ނެތް ވާހަކަތައް ދެއްކުމަކީ އެތަނުގައި ގިނަ އަހަރު ޚިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ނުހަނު ހިތާމަކުރައްވާ ކަމެއްކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިފައިންނާއި، ސިފައިންގެ އިސްވެރިންގެ މައްޗަށް ގެއްލޭގޮތަށް އެއްވެސް ބައެއްގެ ޢަމަލުތައް ނުބެހެއްޓުމަށް އޭނާވަނީ އިލްތިމާސްކުރައްވާފައެވެ.

"މާޒީގައި އަޅުގަނޑުމެންވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިފެހެއްޓުމަށް ކެރިގެން ކުރިމަތިލާންތިބިކަން ދައްކުވައިދީފައި. އަދި މުސްތަގުބަލުގައިވެސް ތިބޭނީ އެގޮތުގައި. އަޅުގަނޑުމެން މިތާ ތިބެގެން ޤައުމަށް ދެރައެއް ލިބޭނެފަދަކަމެއް ކޮށްފާނެކަމަށް އެއްވެސް ރައްޔިތަކު ޤަބޫލުނުކުރެއްވުމަށް އެދެން." ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ޒަކަރިއްޔާ މަންސޫރު ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރި އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކުރީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ބަހެއްނެތިކަމަށް ފަތުރަމުންދާ ވާހަކަތައްވެސް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ލަފާދޭ މަޖިލީހުގެ ގިނަ ބައްދަލަވުންތަކެއް ބާއްވައި މުހިންމު މަޝްވަރާއާއި ޚިޔާލުތައް ހުށައަޅާފައިވާނެކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކުރީ ސިފައިންގެ ތެރެއިން ބަޔަކު ރިޝްވަތު ނަގައިގެންކަމަށް ދެކެވޭ ވާހަކަފުޅަށް ރައްދުދެއްވަމުން ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެފަދަ ވާހަކަތައް ސިފައިންނާއި ގުޅުވައިގެން ދެއްކުމަކީ ހިތާމަކުރައްވާކަމެއްކަމަށާ، އެފަދަކަމެއް ސިފައިން ކޮށްފައިނުވާއިރު، އެފަދަ ވާހަކަތަކަކީ ޤައުމީ މަސްލަހަތަށްވެސް ނޭދެވޭ އަސަރުކުރާނެކަމެއް ކަމަށެވެ.

ޒަކަރިއްޔާ މަންސޫރުވަނީ އުތުރު ތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ މުހިއްމުކަން ފާހަގަކުރައްވާ އެމަނިކުފާނު ދައްކާވާ ވާހަކަފުޅުތައް ތަކުރާރުކުރައްވާފައެވެ.