ވިޔަފާރި

ވިޔަފާރިކުރާ ފަރާތްތަކުން ފައިސާގެ މުޢާމަލާތްތައް ކުރަން ޖެހޭނީ ރުފިޔާއިންކަމަށް ކަނޑައަޅަނީ


ބޭރު ފައިސާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް ރާއްޖޭގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން ފައިސާގެ މުޢާމަލާތައް ކުރަން ޖެހޭނީ ރުފިޔާއިންކަމަށް ކަނޑައަޅަން ނިންމާފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރުތައް އުފެދި، ޑޮލަރުގެ ރޭޓްތައް އުފުލިގެން ދިޔުން ހުއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޕޭމަންޓް ސިސްޓަމާއެކު މިކަންތައްތައް ތަންފީޒްވެގެން ދާނެކަމަށް ގަވަނަރ ވިދާޅުވިއެވެ.

“އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސަރ ކުރެވޭނީ ހަމައެކަނި ރުފިޔާއިން ކަމަށް ކަނޑައަޅާނަން، އެކްސްޗޭންޖަކަށް ކަނޑައަޅާނީ ރުފިޔާއިން ކަމަށް، ކާޑު ނިޒާމްގައިވެސް ރާއްޖޭގެ އެކައުންޓެއް އަދި ރާއްޖޭގެ ރައްޔިތެއް ކަމުގައިވާ ނަމަ އެއް އެކައުންޓުން އަނެއް އެކައުންޓަށް މުއާމަލާތްކުރުމަށް ދިވެހި ރުފިޔާ އޭ އެކްސްޗޭންޖަކަށްވެސް ބޭނުންކުރަންޖެހޭނީ،" ގަވަނަރ ޙާޝިމް ވިދާޅުވިއެވެ.

ގަވަނަރ ވިދާޅުވީ ޕޭމަންޓް ސިސްޓަމްއާއެކު މިކަންތައްތައް މޮނިޓަރކުރުންވެސް ފަސޭޙަވެގެންދާނެ ކަމަށެވެ. އަދި އެމްއެމްއޭއިން މިފަދަ ކަންތައްތައް ތަންފީޒު ކުރަމުންދާނީ މަޑުމަޑުން ކަމަށެވެ. އެއީ އިޤްތިސާދީގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށްކަމަށް ގަވަނަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރޯލްއައުޓް އިންނާނީ ވަރަށް މަޑުމަޑުން , އެއީ އިކޮނޮމިކް އިމްޕެކްސްޓްތައް ކުޑަކުރުމަށްޓަކައި، ހުރިހާ އެއްޗެއް އެއްފަހަރާއި ނުކުރުމަށާއި، އޭގެ ނޭދެވޭ އަސަރެއްވެއްޖެޔާ، އެ އަސަރުތަށް ހައްލުކުރުމުގެ ޖާގަ ދިނުމަށްޓަކައި، ލަސްލަހުން ކުރިއަށް މިގެންދަވަނީ،" ގަވަނަރ ޙާޝިމް ވިދާޅުވިއެވެ.

ގަވަނަރ ޙާޝިމް ވިދާޅުވީ ކަންތައްތައް ތަންފީޒުކުރުގައިއާއި ކަންތައްތައް މޮނިޓަރކުރުމުގައި ކަމާއިގުޅުން ހުރި ވުޒާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށެވެ.