ޚަބަރު

ދަޢުލަތަށް ގެއްލުންވާގޮތަށް ބޭހެއް އެތެރެކުރި މައްސަލާގައި އެސް.ޓީ.އޯގެ 2 މުވައްޒަފަކަށް ދަޢުވާކުރަން ފޮނުވައިފި


ދަޢުލަތަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވާގޮތަށް އެތެރެކޮށްފައިވާ އެޓޮކޯ ބޭހާގުޅިގެން އެސް.ޓީ.އޯގެ މެޑިކަލް ސަރވިސްގެ ވެރިޔާއާއި އިތުރު މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެސް.ޓީ.އޯގެ މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ ހެޑްގެ މަޤާމުގައިހުރި ޙުސައިން ޞަބާޙާއި އެޑިޕާޓްމަންޓްގެ ޕްލޭނިންގ މެނޭޖަރ، ޙަމްދޫން ފާއިޒްގެ މައްޗަށް ދަޢުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2016ވަނަ އަހަރުގެ މޭމަހުގެތެރޭގައި އެސްޓީއޯއިން އިމްޕޯޓްކުރި އެޓޮކޯ ބޭހުގެ ބޮޑު ބައެއް 2018ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ކުންފުނިން އެ ބޭހުގެ އިތުރު ބެޗަކަށް 2018ވަނަ އަހަރުގެ ޑިސެންބަރު މަހު އޯޑަރުކޮށްފައިވާކަމަށް ބުނާ މައްސަލަ އޭސީސީން ތަޙްޤީޤުކުރުމަށްފަހުގައެވެ.

އެ ދެމީހުންގެ މައްޗަށްވެސް ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ވިދާޅުވީ އެސް.ޓީ.އޯއިން އެޓޮވަސްޓެޓިންގެ ބްރޭންޑެއްކަމަށްވާ އެޓޮކޯގެ 40 މިލިގްރާމް(މގ) އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭގޮތަށް ރާއްޖެއިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާއެކު 2015ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކޮށްފައިވާއިރު، އެ ބޭހުގެ 40މގ. އަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އައު ޑޯޒޭޖެއްކަމަށާއި، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން ލިޔުމުން އެނގޭކަށް ނެތްކަމަށެވެ.

އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހިގެން ގެންނަ ބަލިމީހުންނަށް ހައި ޑޯޒޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯޒޭޖެއްކަމަށާއި ޢާއްމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10މގ. އަދި 20މގ. ކަމަށްވާތީ 40މގ. ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެކަމަށް ތަޙުޤީޤަށް ބަޔާންދިން ޑޮކްޓަރުން ބުނެފައިވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އަދި، ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސް.ޓީ.އޯއިން އެޓޮކޯގެ 40މގ. އަށް ފޯކާސްޓްކޮށްފައިވާ ޢަދަދަށްވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާކަމާއި، އެގޮތުން، އެސް.ޓީ.އޯއިން 2016 ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2,928,487.45ރ. (ދެމިލިއަން ނުވަސަތޭކަ އަށާވީސްހާސް ހަތަރުސަތޭކަ އަށްޑިހަހަތް ރުފިޔާ ސާޅީސްފަސް ލާރި) ޚަރަދުކޮށްފައިވާކަން ޢެސީސީންވަނީ ފާހަގަކޮށްފައެވެ.

އަދި މާކެޓިންގގެ ބޭނުމަށްކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40މގ. ގެ ގިނަ ޢަދަދެއްގެ ބޭސް ރިޒަރވްކޮށްފައިވާއިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސް.ޓީ.އޯއަށް 2,787,457.13ރ. (ދެމިލިއަން ހަތްސަތޭކައައްޑިހަ ހަތްހާސް ހަތަރުސަތޭކަ ފަންސާސްހަތް ރުފިޔާ ތޭރަ ލާރި) ގެ ގެއްލުންވެފައިވާކަން އޭސީސީގެ ތަޙުގީގަށްވަނީ އެނގިފައެވެ.

2016 ގައި ގެނައި އެޓޮކޯގެ 40މގ. ގެ ބެޗްގެ މުއްދަތު 2018 ގައި ހަމަވިފަހުން އެކިފަހަރު މަތިން ބަހާލައިގެންކަމަށާއި، 2018ގެ އޮކްޓޫބަރުން ފެށިގެން މިދިޔަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް އެ ބެޗް ގެނައުމަށް ޖުމުލަ 266,842.48ރ. (ދެލައްކަ ފަސްދޮޅަސްހަހާސް އަށްސަތޭކަސާޅީސްދެ ރުފިޔާ ސާޅީސްއަށް ލާރި) ޚަރަދުކޮށްފައިވާކަމާއި، 2018 އިން ފެށިގެން ގެނައި އެ ބޭހުގެ އެއްވެސް ބައެއް ނައްތާލަން ނުޖެހޭކަން ފާހަގަކުރެވިފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.