ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް ފައިނަލުގެ ދެވަނަ ޖާގަ ފޭދޫ ސްޕޯޓްސްއަށް


މެދުކެނޑުމަކަށް ފަހު އަލުން ފަށާފައިވާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ސެމީފައިނަލުގެ ދެވަނަ މެޗު ފަސޭހަކަމާއި އެކު ފޭދޫ ސްޕޯޓްސް ކުރި ހޯދައި، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މަހަކަށް ވުރެ ގިނަ ދުވަސް މުބާރާތް މެދު ކެނޑިގެން ދިޔަ އިރު، މުބާރާތް މެދު ކަނޑާލީ އައްޑޫ ސިޓީއިން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއި އެކުއެވެ. މުބާރާތް އަލުން ފަށާފައިވަނީ ޓީމުތަކަށް އެކަށީގެންވާ ޕްރެކްޓިސް ލިބޭ ގޮތަށް ދުވަސް ދިނުމަށް ފަހު ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ. ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް ކްލަބު ބައްދަލު ކުރި މެޗު ފޭދޫ ސްޕޯޓްސްއިން ކާމިޔާބު ކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި، އެޓީމުގެ ޢަލީ ނާފިއު 17 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހައި ފާހި ސްޕޯޓްސްގެ ގޯލު ހުޅުވައިދިނެވެ. ފޭދޫ ޓީމުގެ ދެވަނަ ލަނޑު ހަސަން ހާޒިޤް ޖެހި އިރު 3 ވަނަ ލަނޑު ޖެހީ ޔޫސުފް ސިދާމްއެވެ. މިހާފުގައި ފާހި ޓީމުން އެއް ލަނޑު ޖެހި އިރު، އެޓީމަށް 40 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބު ކޮށްދިނީ އަހުމަދު ޒަޔާންއެވެ. ފޭދޫ 4 ވަނަ ލަނޑު ޖަހައި އެޓީމުގެ ލީޑު ފުޅާ ކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ނާފިއުވެ.

މެޗުގެ ދެވަނަ ހާފުގައި، ފޭދޫ ޓީމަށް އިތުރު ފުރުސަތު ތަކެއް ލިބުނު ނަމަވެސް ގިނަ ގޯލުތަކެއް ކާމިޔާބު ނުކުރެވެއެވެ. މިހާފުގައި، މުޅިއަކު ދެ ގޯލު ފެނިގެން ދިޔައިރު، ފޭދޫ ޓީމުގެ 5 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް ސިދާމްއެވެ. މެޗުގައި ފޭދޫ ޓީމަށް ޕެނަލްޓީ އެއް ލިބި ބޭނުން ނުހިފި ދިޔައެވެ. މިހާފުގައި ފާހި ސްޕޯޓްސްގެ ހުސެއިން ޝިފާޒް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ، ދެޓީމުގެ ފަރަޤު ކުޑަކޮށްދިނެވެ.

މެޗަށް ފަހު، ފޭދޫ ސްޕޯޓްސް ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު ބުނީ، ޓީމު ފައިނަލަށް ނިކުންނަ އިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ މުބަރާތް ދިގުލައިގެން ދިއުމުން ބައެއް ކުޅުންތެރިން މަދުވުން ކަމަށެވެ. އަދި ޓީމުގެ އިންޖަރީ މައްސަލަވެސް ހުރި ކަމަށް އޭނާ ބުނިއެވެ.

މިއާއި އެކު މުބާރާތުގެ ފައިނަލުގައި މެދުވަލު އެފްސީ ޓީމާއި ވާދަ ކުރަނީ ފޭދޫ ސްޕޯޓްސް ޓީމުންނެވެ. މި ދެޓީމުން ގްރޫޕް ސްޓޭޖުގައި ދެ މެޗު ކުޅެފައިވާއިރު، ދެ މެޗުވެސް ފޭދޫ ސްޕޯޓްސް އިން ކާމިޔާބު ކުރިއެވެ. ފުރަތަމަ މެޗު ފޭދޫ ސްޕޯޓްސް ކާމިޔާބު ކުރީ، 3-2 ގެ ނަތީޖާއިންނެވެ. ދެވަމަ މެޗު އެޓީމުން ގެންދިޔައި 4-1 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހު ހަވީރު 4:00 ޖަހާއިރު، އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.