މި ފެށޭ ރަމަޟާންމަހު މާލޭގެ މިސްކިތްތަކުގައިވެސް ތަރާވީޙް ނަމާދު ޖަމާއަތުގައި ކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރު ރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިޔުމާއި ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލިއެވެ. އަދި މާކެ ސަރަހައްދު ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން މިދިޔަ އަހަރުގެ ރޯދަމަސް ދިވެހިންވެސް ނިންމާލީ ގޭތެރޭގައި ތިބެއެވެ. މިސްކިތްތަކުގައި ޖަމާއަތްތައް ހުއްޓާލާފައި އޮތުމުން ތަރާވީޙް ނަމާދުވެސް ފުރިހަމަކުރީ ގޭގައި ޢާއިލީ މީހުންނާއެކު ޖަމާޢަތް ހަދައިގެންނެވެ.
ރާއްޖޭގެ އިތުރަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ޚާއްސަކޮށް އިސްލާމީ ބޮޑެތި ޤައުމުތައްވެސް މިދިޔަ އަހަރު ނިންމާލީ ކޯވިޑްގެ ނުރައްކަލުގެ ތެރޭގައެވެ. އެހެންކަމުން އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް މިދިޔަ އަހަރު ޖަމާއަތްތައް މެދުކަނޑާލުމާ ގުޅިގެން މިސްކިތްތަކުގައި ތަރާވީޙް ނަމާދު ނުކުރެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢޫލޫމަތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާ މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކަމާއެކު ނަމާދުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ތަރާވީޙް ނަމާދު މިފަހަރު ކުރާނެކަމަށެވެ. އަދި ރަށްރަށުގައި މިހާރުވެސް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ އުޞޫލުން ތަރާވީޙް ނަމާދު ކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް ރާއްޖެއިން ބޭރުން ތަރާވީޙް ނަމާދު ކުރަން ގެންނަ ހާފިޒުން މިއަހަރު ނުގެނެވުމަކީ އެކަށީގެންވާކަމެއްކަމަށާއި އޭގެ ބަދަލުގައި އެރަށެއްގައި ތިބި އިމާމުން ތަރާވީޙް ނަމާދު އިސްވެ ކުރާގޮތަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު އެޅި ފިޔަވަޅުތަކަށް ލުއިތައްދީ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީންވަނީ ދެއްވާފައެވެ. މިގޮތުން ވީހާވެސް ބޮޑަށް ނަމާދުގެ ދިގުމިން ކުރުކުރުމަށް އަންގާ ހުކުރު ޚުތުބާވެސްވަނީ ކުރުކޮށްފައެވެ. މީގެ އިތުރުން މިސްކިތައް އަންނައިރު އެމީހެއްގެ އަމިއްލަ މުޞައްލައެއް ގެނައުމާއި ގެއިން ވުޟޫކޮށްގެން އައުމާއި މިސްކިތާއި މިސްކިތުން ބޭރުގައިވެސް ގައިދުރުކަން އިސްކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޯވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ޖަމާޢަތުގައި ގައިދުކޮށް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން މިސްކިތްތަކުގައި މީހުން ތިބެންޖެހޭ ދުރުމިން ފާހަގަކުރުމަށް ނިޝާންތައްވެސް ވަނީ ޖަހާފައެވެ. ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމުގައި ބައެއް ޚިޔާލު ތާފާތުވުންތައް ހުރި ނަމަވެސް މިހާލަތުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރުމަކީ ހުއްދަކެމެއްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް އަދި ޖަމާއަތުގައި ނަމާދުކުރަމުން އަންނަނީ މިގޮތަށެވެ.