ރައީސުލްޖުމުހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް އައްޑޫގެ ފަތުރުވެރިކަން ފެށުމަށްކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ބިންތަށް ހަވާލު ކުރެއްވުމަށް އައްޑޫ އަށް ކުރެއްވި ދަތުރުގެ ތެރެއިން އައްޑޫސިޓީ ކައުންސިލާއި މިނިސްޓަރ ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަމަށް މިވަގުތު ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ.
އެގޮތުން އައްޑޫގެ މައި ދެ ރިސޯތު ކަމަށްވާ ކެނެރީފް އައިލޭންޑް ރިސޯޓު އަދި ޝަންގްރިއްލާ ވިލިިނގިލި ބަންދުވުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަޤްވާމީ ފްލައިޓުތަށް ގެނައުމާއި ގުޅޭ ގޮތުންނާއި، އައްޑޫގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވުމާއިއެކު، އެކަން ކުރިއަށް ގެންދާނެ ގޮތަކާއި މެދުވެސް މަޝްވަރާ ކުރެވުނެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ބޭނުންފުޅުވަނީ ވީހާވެސް އަވަށް އައްޑޫގެ ފަތުރުވެރިކަން ފެށިގެން ދިއުމަށް ކަމަށެވެ. އެގޮތުން ރިސޯޓުތަކުގެ މައްސަލައިގައި މިނިސްޓަރ ވިދާޅުވީ، ދެރިސޯޓު ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކުރެވިފައި ހުރުމާއެކު އާބާތުރަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށެވެ. އަދި މީގެ ތެރެއިން އެންމެ އަވަހަށް ހުޅުވޭނީ ކެނެރީފްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ ޒޯޏްތަކުން ބިން ލިބުނު ފަރާތްތަކަށް ބިންތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މި ދެރިސޯޓުގެ މައްސަލާގައި މިނިސްޓަރ މައުސޫމް ވިދާޅުވީ، ޓުއަރިޒަމްގެ ރަން އަހަރު 2022 ވަނަ އަހަރު ފާހަގަ ކުރާއިއިރު މި ދެރިސޯޓު ހުޅުވިފައި އޮންނަން ޖެހޭ ކަމަށެވެ.
"ޝަންގްރިއްލާއިން 139 މުވައްޒަފުން. ކެނެރީފުން 200 އާއި ގާތްކުރާ އަދަދަކަށް ދިވެހި މުވައްޒަފުން ވަޒީފާ ގެއްލުނީ. އަދިވެސް އެބޭފުޅުންނަކަށް ވަޒީފައެއް ނުލިބޭ. އަޅުގަނޑު އުއްމީދު ކުރަނީ 2022 ވަނަ އަހަރު އަންނަން ވާއިރަށް މިދެންނެވި ދެތަން ވެސް ހުޅުވި ޙިދުމަތް ލިބެން ފަށާފައިވާނެ ކަމަށް. އެކަމަކު އެއަށް ވުރެ އަވަސް ވުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެންނަމަވެސް ޓުއަރިޒަމްގެ ރަން އަހަރު އައްޑޫގައި ފާހަގަ ކުރާއިރު އެ ދެތަން އޮންނަން ޖެހޭނީ ހުޅުވިފަ. އައްޑޫގައި ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނީ ލިބިފަ.ޓުއަރިޒަމް މިނިސްޓަރ - ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޓުއަރިޒަމް މިނިސްޓަރ އައްޑޫސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި، ދެކުނުގެ 4 އަތޮޅު ހިމަނައިގެން 'ސަދަން ޓުއަރިޒަމް ޒޯން' ޤާއިމުކޮށް ޕްރޮމޯޓް ކުރެއްވުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ސަރުކާރާއި އެއަރލައިންތަކާއި އަދި ރިސޯޓުތަކުގެ ޝައުޤުވެރިކަން ވަރަށް ވަރަށް ބޮޑަށް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަދަން ޒޯންގެ މައި މަންޒިލަކަށް ވާނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ފޭދޫ ކައިރީގައި އޮންނަ ސަވާހިލި ފަތުރުވެރިންނަށް ރަށުން ނުލިބޭ ޙިދުމަތް ދިނުމަށް ތަރައްޤީކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވުނެވެ.