ޚަބަރު

މަސްތުވާތަކެތީގެ ފައިސާ ބޭނުންކުރި ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑްރިންގެ ދަޢުވާ!


މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި، ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން، އެކަމުގައި ޝާމިލުވާ ބައެއްގެ މައްޗަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑްރިންގެ ދަޢުވާކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ވިދާޅުވީ އެބާވަތުގެ ފުރަތަމަ މައްސަލަ، މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލާގައި ދައުވާ އުފުލާފައިވަނީ 5 މީހެއްގެ މައްޗަށްވެ. އޭގެ ތެރޭގައި ހިމެނެނީ:
- ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢިލް ޝަރީފްގެ މައްޗަށް، 7 ދައުވާއެއް.
- ކ. މާލެ، މއ. ޙަސްލަތު، ޝާނިޔާ އިބްރާހީމްގެ މައްޗަށް އަށް 3 ދައުވާއެއް.
- ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ޙަސަން ރަޝީދުގެ މައްޗަށް 4 ދައުވާއެއް.
- ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠަށް 4 ދައުވައެއް.
- ޅ. ހިންނަވަރު، ސުވާސާގެ، މުޙަންމަދު އަފްލާޙް ޢަބްދުﷲ ގެ މައްޗަށް އެއް ދައުވާ ވަނީ ކޮށްފައެވެ.

މި މައްސަލާގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާކަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤުގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަޢަދަދެއްގެ ފައިސާ، މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ އެކައުންޓްތަކާއި، އެމީހުންނާ ގުޅުންހުރި އެކައުންޓްތަކުގައި ދަޢުރުކޮށްފައިވާކަން ހޯދިފައިވާކަމަށްވެސް ޕީޖީން ވިދާޅުވެއެވެ. ޕީޖީ އޮފީހުން ވަނީ މި މައްސަލާގައި ހިމެނޭ މަނީ ލޯންޑްރިންގ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ފުލުހުންނަށް ލަފާދީފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ، އެހެން ކަންކަމަށް ބޭނުންކުރާނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރަން ޤާނޫނު ޖާގަދީފައިވާއިރު، ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ސިޔާސަތަކީ، އެމަގުން ދިއުމަށްކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭއިރު، ފުލުހުންގެ ބުރަ މަސައްކަތުން އެކަމުގައި އުޅޭ ނެޓްވޯރކްތައް ރޫޅާލެވިފައިވާކަމަށެވެ. އަދި ދެންއޮތް މަރުހަލާއަކީ އެކަމުގައި ހަރަކާތްތެރިވާ އަޞްލު "ވިޔަފާރިވެރިން" ފަހަތުން ދިއުންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މަސްތުވާތަކެތީގައި"އަތްނުލާ" ނުވަތަ އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ސަލާމަތް ވެވޭނެކަމަށް މިހާރު ހީވެފައިއޮތްނަމަވެސް ދެން އެކަން ނިމުމަކަށް އަންނާނެކަމަށާއި، މަސްތުވާތަކެތީގައި އަތް ނުލިޔަސް، ފައިސާ ބޭނުންކުރާނަމަ، އެމައްސަލަ ތަހުޤީޤުކޮށް ދައުވާ ކުރެވެން އޮތް މީހުންނަށް ދައުވާ ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު މައްސަލަކަމަށްވާއިރު، އެއީ ޙައްލުކުރަން އެންމެ ދަތި އެއް މައްސަލަކަމަށާއި ހުރިހާ މައްސަލަތަކެއް ގުޅިފައިވާ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. މީގެ އިތުރުން ޖަލުގެ އާބާދީގެ ބޮޑު އިންސައްތައަކީ "ޓަރމިނޭޝަން" ޙުކުމުގައި ތިބި މީހުންކަމަށާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުން، އެއާދަ ހިފެހެއްޓުމަށް ކުދި ކުދި ވައްކަން ކުރާއިރު، އެ ހުރިހާ މައސަލައެއް ކޯޓަށް ހުށަހެޅުމުން ކޯޓުތަކުގައި މައްސަލަތައް ލަސްވެގެންދާކަމަށް ރައީސް ވިދާޅުވިއެެވެ.

މިމައްސަލަ ޙައްލުކުރުމަށް ހުރިހާ ސަރުކާރަކުންވެސް މަސައްކަތްކޮށްފައިވާކަމަށާއި، ފެނިވަޑައިގަންނަވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން ހަރުދަނާ ކުރަންކަމަށްވާއިރު، އެމަސައްކަތް ސަރުކާރުން ކުރައްވާކަމަށް ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖިނާއީ ޢަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު އަމާޒަކީ މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، ފަރާތްތަކުގެ ފަހަތުން ދިއުންކަމުގައެވެ.