ރާއްޖޭގެ ބޭންކުތަކުން ވިޔަފާރި ބޭނުމަށް ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަ ކުރެވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ކިނބިދޫ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ހާމަ ކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ބާބު 3 ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ނާޝިޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގުވުމަށް މާލިއްޔަތު ކޮމެޓީން އަދި އެސްއޯއީ ކޮމެޓީ ގުޅިގެން އެމަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނާޝިޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކުތަކުން ލޯން ނަގާއިރު، ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއް އޮންނަ ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ކިޔާއިރުވެސް މިއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
އަދި މެންބަރު ނާޝިޒް ވިދާޅުވީ ރާއްޖޭގައި ވިޔަފާރިކުރާ މީހަކު ބޭންކަކުން ލޯނު ނަގައިފީއްޔާ "ބޭންކަށް މަސައްކަތް" ކޮށްދެވެނީކަމަށް ސިފަކުރެވޭކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް މިހާރު ކުރެވެމުންދާ މަސައްކަތާއި ގުޅޭގޮތުން ނާޝިޒް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ބޭންކަކުންހެން މައުލޫމާތު މިހާރު އެއްކުރެވިފައިވާކަމަށާއި، ކޮސްޓް އޮފް ކެޕިޓަލް ނުވަތަ ކޮސްޓް އޮފް ފައިނޭންސް މިހާ މައްޗަށްދާ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ.
"ލޯނު މިދެނީ ކޮންމެވެސް އެއްޗެއް ރަހުނު ކޮށްގެން ނުވަތަ ސެކިއުރިޓީ ގޮތުގައި ކޮންމެވެސް އެއްޗެއް އޮފާ ކޮށްގެން. އެކަމަކު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ރަހުނެއް ވިއްކާލާ ހިސާބަށް ދާއިރު ޕްރޮސެސް ދިގުލައިގެންދޭ. އަޅުގަނޑަށް އަޑު އިވިފަ އެބަހުރި 18 އަހަރަށް ވުރެ ގިނަ ދުވަސްވީ ކޭސްތައް. އެހެންވީމަ ބޭންކުން ރިސްކް ކަލްކިއުލޭޓް ކުރާއިރު ރިކަވަރީ ޕްރޮސެސް ތެރޭގެ ލީގަލް ޕްރޮސީޑިންގްސް އާއި މިހުރިހާ އެއްޗެއް ލީމަ އިންޓްރެސްޓް މައްޗަށް އަރައިގެންދޭ. އެހެންވީމަ ބަރާބަރަށް ފައިސާ ދައްކާ ފަރާތަށް ވަރަށް ބޮޑު ކޮސްޓަކަށް މިވަނީ.މުހައްމަދު ނާޝިޒް - ކިނބިދޫ ދާއިރާގެ މެންބަރު
ނާޝިޒް ވިދާޅުވީ، މިހެންވެ މަދުބައެއްގެ ސަބަބުން އިންޓްރެސްޓް ރޭޓް އެންމެންނަށް އުފުލިގެންދާ ކަމަށެވެ. އެހެން ކަމުން މިކަމަށް ބޭންކުތަކަށް އެކަށީގެންވާ ޤާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި، އެމްއެމްއޭއާއި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު މަޝްވަރާކޮށް މަސައްކަތް ކުރެވެމުންދާކަމަށް އެނާ ވިދާޅުވިއެވެ.
ރާއްޖޭގެ ވިޔަފާރިތަަށް ލޯން ދޫކުރުމުގައި އިންޓްރެސްޓް ރޭޓް ބޮޑު ކަމަށް މީގެ ކުރީންވެސް ގިނަ ވިޔަފާރިތަކުން ފާހަގަކުރެއެވެ. މިފަދަ ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަ އިންޓަރެސްޓެއްގައި ލޯނު ދިނުމަށް ސަރުކާރުން އެސްއެމްއީ ބޭންކެއް ވަނީ ޤާއިމްކޮށްފައެވެ.