ކުޅިވަރު

އައްޑޫ ފުޓުބޯޅައިގެ ޗެމްޕިއަންކަން ފޭދޫ ސްޕޯޓްސްއަށް


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ތަށި މެދުވަލު އެފްސީ ބަލިކޮށް ފޭދޫ ސްޕޯޓްސްއިން އުފުލާލައިފިއެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020ގެ ތަށި ފޭދޫ ސްޕޯޓްސް އިން އުފުލީ 1-2 ގެ ނަތީޖާއިން ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސް އިން ކުރި ހޯދި އިރު، މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް އެޓީމުން ގިނަ ހަމަލާތައް އުފެއްދިއެވެ.

ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ފޭދޫ ޓީމަށް ކުރި ހޯދައި ދިނީ އެޓީމުގެ އަލީ ނާފިއެވެ. މިހާފުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވެއެވެ. ދެވަނަ ހާފުގައި ފޭދޫ އަލީ ސަރީރު ލީޑު ނަގައި ދިން އިރު، މެޗު ނިންމެން ކައިރިވެފައި ހުއްޓާ މައިލޯ ޓީމަށް ލިބުނު ޕެނަލްޓީއެއް އެޓީމުން ކާމިޔާބުކުރިއެވެ.

މުބާރާތް ނިމުމުގެ ރަސްމީއްޔާތުގައި އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް އާއި އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލީސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މުބާރާތް ނިމުމުގެ ރަސްމީއްޔާތުގައި ދެކުނު ސަރަހައްދަށް އަމާޒުކޮށްގެން ސިޓީ ކައުންސިލުން މިއަހަރު އިންވިޓޭޝަނަލް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް މޭޔަރ އަބްދުﷲ ސޯދިޤް އިއުލާން ކުރެއްވިއެވެ.

މިމުބާރާތުގެ އެންމެ ގިނަ ގޯލު ކާމިޔާބު ކުރީ ބޭރުމަތި އެފްސީގެ ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. އޭނާ މުބާރާތުގައި 6 ގޯލް ޖަހާފައިވެއެވެ. މިމުބާރާތުގައި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމްވެސް ހޯދި ފޭދޫ ސްޕޯޓްސްގެ ޔޫސުފް ސިދާމްއަށެވެ. މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޯވިފައިވަނީ މެދުވަލު އެފްސީގެ މުހައްމަދު ޒަޔާންއެވެ. އެންމެ މޮޅު ފޯވަޑަކަށް ފޭދޫގެ އަލީ ނާފިއު ހޮވުނު އިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެޓީމުގެ ކޯޗު އިބްރާހިމް ނިޒާރުއެވެ. ފެއާރ ޕްލެއި ޓީމަކީ ފާހި ސްޕޯޓްސް އެވެ.

މުބާރާތުގެ ރަނަރ އަޕްޓީމަކީ މެދުވަލު އެފްސީއެވެ. އެޓީމަށް ތައްޓާއި މެޑަލްގެ އިތުރުން 10،000ރ ގެ ފައިސާގެ އިނާމް ލިބިގެން ދިޔައެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމު ފޭދޫ ސްޕޯޓްސް އަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލު ކޮށްދިނީ އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤެވެ. އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ މުބާރާތުގައި ޗެމްޕިއަން ޓީމަށް 20،000ރ. ވަނީ ހުށަހެޅިފައިވެ. އައްޑޫސިޓީ ކައުންސިލުން ބުނީ މިއަހަރުވެސް އެއްބައިވަންތަކަމުގެ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.