ޚަބަރު

ކޯވިޑް-19 ދިފާއު: 1500އަށްވުރެ ގިނަ މީހުން މިއަދު ސައިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިއަދު ޖަހަންފެށި ސައިނޯފާމް ވެކްސިން 1،500 އަށްވުރެގިނަ މީހުން ޖަހައިފިއެވެ.

މާލޭ ސަރަޙައްދުގައި ސައިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު މިއަދު މުޅި ރާއްޖޭގައި 1،800އަށްވުރެ ގިނަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ މިއަދު މާލެއާއި އަތޮޅުތައް ހިމެނޭހެން 1،856 މީހުންވަނީ ވެކްސިންޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 1،597 މީހުންނާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި ވެކްސިންޖެހި 259 މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 220،768 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 123،227 މީހުންނާއި ރަށްރަށުގައި ވެކްސިން ޖެހި 97،541 މީހުންނެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60އަހަރާދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ.

އެއީ ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރާއި، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ. މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެދުރު 12:00އާ ހަމައަށެވެ.

މާލޭގެ އިތުރުން ވެކްސިން ދިނުން ރާއްޖޭގެ އެކި ރަށްރަށުގެ 169 ސެންޓަރެއްގައި ކުރިއަށްގެންގޮސްފައިވެއެވެ.

ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުން ކުރިއަށްގެންދާއިރު، މިދުވަސްވަރު ޚާއްސަ ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުޞާތުވެސްވަނީ ހުޅުވާލާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ، ޚާއްސަ ޙާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އަނބުރާ ނާދެވޭ މީހުންނެވެ.

ޗައިނާގެ ސައިނޯފާމް ވެކްސިންއާއި ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ދޭންފެށީ މިދިޔަ މަހުގެ 1ވަނަ ދުވަހުއެވެ.