ވިޔަފާރި

ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ނެޝަނަލް ޖިއޮގްރަފީގެ ފޮޓޯގްރާފަރެއް ރާއްޖެއަށް


ރަޝިޔާގައި ރާއްޖެ އިޝްތިހާރުކުރަން ނެޝަނަލް ޖިއޮގްރަފީގެ ފޮޓޯގްރާފަރެއް ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ ރަޝިޔާ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް، މަޤުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައިސްފައިވަނީ ނެޝަނަލް ޖިއޮގްރަފިކް ރަޝިއާގެ މަޝްހޫރު ފޮޓޯގްރާފަރ އިވާން ޑެމެންޓިއެސްކީއެވެ.
އޭނާ ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގެ ހިތްގައިމު ފޮޓޯތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަޝިއާގެ ވެރިރަށް މޮސްކޯ އަދި ސެއިންޕީޓާސްބާގްގައި ބޭއްވޭ ފޮޓޯ މައުރަޒެއްގައި ރާއްޖޭގެ ފޮޓޯތައް ދައްކާލެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

ލޯކަލް އައިލެންޑް ޓޫރިޒަމް ޕްރޮމޯޓްކުރުމަށްޓަކައި ގިނަ މާކެޓިން ޚަރަކާތްތަކެއް އެމްއެމްޕީއާރުސީން ދަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން މި ކެމްޕެއިން ތެރޭގައި ރާއްޖޭގެ ސަގާފަތާއި އައްތެރި މަސައްކަތުގެ އިތުރުން ރާއްޖޭގެ ރަށްތަކުން ފަތުރުވެރިންނަށް ލިބެންހުންނަ ޚިދުމަތްތަކާއި ތަޖުރިބާތަކަށް އަލިއަޅުވާލައި ޕްރޮމޯޓް ކުރެވިގެންދާނެއެވެ.

މިމަހުގެ 29 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ކުރާ ދަތުރުގައި ފޮޓޯގްރަފަރ އާއި އޭނާގެ އެސިސްޓެންޓް ރާއްޖޭގައި އެކި ތަޖުރިބާތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެކަންކަމުގެ ތެރެއިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި ދިވެހިންގެ ސަގާފަތާއި އާދަކާދަތައް ހިމެނޭ ކަންކަމުގެ ފޮޓޯ ނަގާނެއެވެ.

ރާއްޖޭގައި ތަޖުރިބާކުރެވޭނެ ތަފާތު ކަންކަމުގެ ތެރޭގައި ހިމެނޭ ސަންސެޓް ކްރޫސް ޝިޕްރެކް ވިޒިޓް އަދި ވޯޓާ ސްޕޯޓްސް ހަރަކާތްތަކާއި ރާއްޖޭގެ ރަށްފުށު ދިރިއުޅުން ތަޖުރިބާކުރުމަށް ރަށަކަށް ޒިޔާރަތްކޮށް ސަގާފީ އެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ބޮޑުބެރު، ދަނޑިޖެހުން ފަދަ ހަރަކާތްތަކުގެ އިތުރުން އަތްތެރި މަސައްކަތްތަކުގެ ފޮޓޯ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި ރާއްޖޭގެ 50 ފޮޓޯއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެތެރެއިން 32 ފޮޓޯއެއް މޮސްކޯގައި ދިވެހިރާއްޖެއަށް ހާއްސަކޮށްގެން ބޭއްވޭ ފޮޓޯ މައުރަޒުގައި ދައްކާލެވޭނެއެވެ. އަދި އޭގެތެރެއިން 16 ފޮޓޯއެއް ސެއިން ޕީޓާސްބާގްގައި ގައި ބޭއްވޭ ހާއްސަ އެގްޒިބިޝަނެއްގައި ދައްކާލެވޭނެއެވެ.

ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރުގެތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް އެމްއެމްޕީއާރުސީން ވަނީ ރާވާފައެވެ. އެގޮތުން ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި އަދި ތަފާތު އެކި ކެމްޕެއިންތައް ހިމެނެއެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ.