ވިޔަފާރި

ޓުއަރިޒަމް ޖޭވީތަކުގެ ސަރުކާރުގެ ހިއްސާ ވިއްކޭނެ ގޮތުގެ ޤަވާއިދު އެކުލަވައިފި


ސަރުކާރު ހިއްސާވެގެން ރިސޯޓު ތަރައްޤީކުރުމަށް އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ޤަވާއިދު ގެޒެޓް ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ މިޤަވާއިދުގައިވާ ގޮތުން، ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ބިންބިމާއި، ފަޅުތަކާއި، ރަށްތައް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރުމައްޓަކައި، ސަރުކާރު ހިއްސާވާ ގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގެ ސަރުކާރަށް ނިސްބަތްވާ ހިއްސާ ވިއްކާލެވޭނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބެލުމުގެ ދަށުންނެވެ.

މިޤަވާއިދުގެ ދަށުން ހިއްސާ ވިއްކާލެވޭނީ ރައީސުލްޖުމުހޫރިއްޔާގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން ނިންމައިގެންނެވެ. އަދި މިނިސްޓްރީގެ މިނިންމުން ޕްރައިވެޓައިޒޭޝަން ބޯޑަށް އަންގަންވާނެއެވެ. އެގޮތުން ހިއްސާއެއް އަގު ކުރާނީ، ރިޒޯޓު ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ތަނުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ، ކޮންމެ އިންސައްތައަކަށް ފަސް އެމެރިކާ ޑޮލަރުގެ މަގުން އަގު ކުރުމަށްފަހު ޖެހޭ އަދަދަށްވާ މިންވަރަށް ކަމަށް ޤަވާއިދުގައި ބުނެއެވެ.

މިޤަވާއިދުގައި ބަޔާން ކުރާ ކުންފުންޏަކީ މި ބޭނުމަށް ސަރުކާރުގެ ހިއްސާއާއެކު އުފެދިފައިވާ ކުންފުންޏެއްގެ ގޮތުގައި ބަލާނީ، ދިވެހިރާއްޖޭ ޓުއަރިޒަމާއި ބެހޭ ޤަނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލު ކުރުމުގެ ކުރިން އުފެދިފައިވާ ކުންފުންޏެއް ކަމުގައި ވާނަމައެވެ. މީގެ އިތުރުން އެކުންފުންޏަކީ އެކުންފުނީގެ އަސާސީ ޤަވާއިދުގައި އަދި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި މި ބޭނުމަށް އުފެދިފައިވާ ކުންފުންޏެއްކަން ބަޔާންވެފައި އޮންނަން ޖެހޭނެއެވެ.

މީގެ އިތުރުން ހިއްސާ ވިއްކާލުމުގެ މުޢާމަލާތް ކުރިއަށް ގެންދަންވާނީ ސަރުކާރުންނާއި ހިއްސާދާރުންނާއެކު ލިޔެކިއުމުން ވެވޭ އެއްބަސްވުމުގެ ދަށުންނެވެ. އަދި ހިއްސާއަށް އަގު މުޅިން އެއްކޮށް އަދާ ކުރެވޭ ގޮތަށް ނުވަތަ ބަހާލައިގެން 18 މަސް ދުވަހުން އަގު އަދާކުރެވޭ ގޮތަށް ހިއްސާ ވިއްކިދާނެއެވެ. އަދި އަގު އަދާ ކުރާތާ ސަރުކާރު ބަންދު ނޫން 15 ދުވަސްތެރޭ ހިއްސާ ބަދަލު ކުރުމާއި ގުޅޭގޮތުން ކުންފުނީގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަންވާނެއެވެ.

ސަރުކާރު ހިމެނޭ ގޮތަށް ޖޮއިންޓް ވެންޗަރ ދަށުން ރިސޯޓުތައް ތަރައްޤީ ކުރުމަށް ހަދާފައިވާ ކުންފުނިތަކުން ހިއްސާ ވިއްކާލުމުގެ އިޙްތިޔާރު ޓުއަރިޒަމް ޤާނޫނަށް ގެނައި 10 ވަނަ އިސްލާހުގެ ދަށުން ސަރުކާރަށް ލިބެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސަރުކާރު ނޫނަސް މިފަދަ ތަންތަން ތަރައްޤީކުރުމަށް މައިނޯރިޓީ ހިއްސާ ބިދޭސީންނަށް ދީގެން ތަރައްޤީ ކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.