ޚަބަރު

މަޑަވެލީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ފަޅުރަށެއް ހިމަނާނެ - ރައީސް


ގދ. މަޑަވެލީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ފަޅުރަށެއް ހިމަނަންވާނެކަމަށާއި އެ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ކެމްޕެއިން ހަރަކާތުގެ ތެރެއިން ކެނޑިޑޭޓަކުވަނީ ގދ. މަޑަވެލީގެ އިޚްތިޞާސްގެ ތެރޭގައި ފަޅުރަށެއް ނެތުމުން، އެހެން ރަށްތަކާއި ޚިލާފަށް އެއްފަޅެއްގައި ހުންނަ ރަށްރަށުން ރަށަށްލިބެންވާ މަންފާއިން މަޑަވެލީ ރައްޔިތުން މަޙްރޫމުވެފައިވާކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަންބޮޑުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މަޑަވެލީގެ އިޙްތިޞާސްގެ ތެރޭގައި ފަޅުރަށެއް ހިމެނުއްވުމަށް ތާޢީދުކުރައްވާކަމަށާއި އެއީ މުހިއްމުކަމެއްކަމަށް ދެކެވަޑައިގަންވާ ކަމަށެވެ. އެގޮތުން މިކަމާއި ގުޅިގެން ކުރަންޖެހޭ މަޝްވަރާތަކަށްފަހު ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީއާއި، ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ރަށްތައް މިހާރު އިއުލާންކޮށްފައިވާއިރު، ގިނަ ފަޅުރަށްތައް ހިމެނޭ ހޯޑެއްދޫގެ އިޚްތިޞާސްގައި ފަޅުރަށެއް ނެތުމުގެ ކަންވޮޑުވުން އެރަށުންވެސް ވަނީ ފާޅުކޮށްފައެވެ.

ޤާނޫނަށް ގެނައި އިސްލާޙާއެކު މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިސާސް ކަނޑައެޅިއިރު އެއްފަޅެއްގައި ރަށެއް ނެތުމުން ރަށްރަށުގެ އެފަދަ މައްސަލަތައް މީގެ ކުރިންވެސްވަނީ ހައްލުނުވެއެވެ.