ޚަބަރު

އަލުން ރިވިއުކުރުމުންވެސް ވެންޓިލޭޓަރުތަކުގެ މައްސަލަ ސާބިތުކޮށްދެވިދާނެކަމަށް ނުފެނޭ - ޕީޖީ އޮފީސް


ވެންޓިލޭޓަރު މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމަވައިފިއެވެ.

ވެންޓިލޭޓަރުތައް ނުގެނެވި އެކަމުގައި އިހުމާލުވުންތަކެއް ހުރިކަމަށް ތުހުމަތުކޮށް އޭސީސީން އެކަން ތަހްޤީޤުކޮށް އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއެއެވެ.

ނަމަވެސް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރައްވާފައިވާ މަސައްކަތްތަކީ ވަކިބަޔަކަށް މަންފާއެއް ވާގޮތަށް ކުރައްވާފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށާ، އެކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއް ނެތްކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްވަނީ ވިދާޅުވިެފައެވެ.

މިކަމާ ގުޅިގެން އެނިންމެވުން މުރާޖަޢާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)އަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ރިޕޯޓެއްވެސް ފާސްކުރިއެވެ. އަދި މިކަމާއި ގުޅިގެން އޭސީސީންވަނީ އިތުރު މައުލޫމާތުތަކާއި ހެކިތައްވެސް ހުށައަޅުމުން ފުލުހުންނާއި އޭސީސީގެ އިތުރުން ޕީޖީ އޮފީސްގުޅިގެން އެމައްސަލަ ރިވިއުކުރުމުގެ ކަންކަންވަނީ ކުރިއަށްގެންގޮސްފައެވެ.

އަލުން ރިވިއުކުރުމަށްފަހު ޕީޖީ އޮފީހުން ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ރާއްޖެ ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލާގައި އޭސީސީން އެއޮފީހަށް ހުށަހެޅި އިތުރު މަޢުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އައު މަޢުލޫމާތާއި މައްސަލާގައި ކުރިން ހޯދިފައިވާ ހެކިތަކާއި ޤަރީނާގެ މައްޗަށް ބެލިބެލުމުންވެސް ޖިނާޢީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނަކަމަށެވެ.

އެހެންކަމުން އެމައްސަލާގައި ދަޢުވާ ނުކުރުމަށް ކުރިން ޕީޖީ އޮފީހުން ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނާތީ ކުރިން މިމައްސަލާގައި ނިންމި ނިންމުމަށް ބަދަލުނުގެންނަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ޙަވާލުކުރި ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ރާއްޖެއަށް ގެނެސްފައިވަނީ މަދު އަދަަދެއްގެ ވެންޓިލޭޓަރެވެ.