ޚަބަރު

ބޮޑެތި މައްސަލަތައް ޙައްލުކުރަން ފުލުހުންކުރާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: ނާއިބު ރައީސް


ރަނގަޅު މުޖުތަމައުޢެއް ބިނާކުރުމަށް ކުށް ކުރުން ހުއްޓުވުމަށް ފުލުހުންނަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދެނެގަން، އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ރައީސުލްޖުްމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައިވަނީ ޚިދުމަތުގެ ހުވާކުރެއްވި އެންމެހައި ފުލުހުންވެސް ޤައުމީ ޚިދުމަތާއި ޤައުމީ ވާޖިބު އަދާކުރުމުގައި ކުރެވުނު ހުވާގައިވާގޮތަށް ކުރިއަށްދިއުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނު ވުޖޫދުވެގެން އައީ އެންމެހައި ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައިކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ ދިވެހިން މިއަދު ވިސްނާލަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރިކަމަށާއި، އޭގެތެރެއިން އެންމެ ފުންކޮށް ވިސްނަންޖެހޭ ކަމަކީ، މުޖުމަތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތައްކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކާއި، އަންހެނުންނަށް ކުރެވޭ އެކިކަހަލަ ގޯނާތަކާއި، ވައްކަމާއި ފޭރުމާއި އަދި އެނޫންވެސް އެކިއެކި މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާއިރު، މިއީ މިއަދު ފުންކޮށް ވިސްނައި، އައު ޤާނޫނެއް ލިބިގެންދާއިރު، އަައު ހިތްވަރަކާއި، އާ ޢަޒުމަކާއެކު ފުލުހުންނާއި އާންމުން ގުޅިގެން ހައްލުކުރަން ޖެހިފައިވާ މައްސަލައެއްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ދިވެހި ރައްޔިތުންނަށްވެސް ގޮވާލަން އޮތީ، ވަކިން ޚާއްޞަކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލުތަކާއި، ޖަމުޢިއްޔާތަކާއި އަދި ރައްޔިތުންނާ ގުޅިގެން ކުރަމުންދާއިރު، ކުށް ކުރުން ހުއްޓުވުމަށްޓަކައި، ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރައްވާ މަސައްކަތުގައި، އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ޤާއިމުކުރުމަކީ އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން، އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުން މަސައްކަތް ކުރުން" ނާއިބު ރައީސް ވިދާޅުވިއެވެ.

ޤައުމުގައި ހުރި މައްސަލަތަކަކީ ވަކި ޢާއލާއަކަށް ނިސްބަތްވާ ނުވަތަ ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫންކަމަށާއި، ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަކީ، އޭގެ ސަަބަބުން ހުރިހާ ރައްޔިތުންނަށް، ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައްކަމުގައި ރައީސުލުްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި އެންމެން ގުޅިގެން އެއް އަމާޒަކަމަށް މަސައްކަތްކޮށްފިނަމަ މިއަދު ބޮޑެތިވަމުންދާ ޅަދަރިންނަކީ މާދަމާ ޤައުމު ހިންގުމަށްޓަކައި ތަރުބިއްޔަތު ކުރެވި ހަރުދަނާ ދިރިއުޅުމަކަށް ތައްޔާރުކުރެވިފައިވާ ބަޔަކަށް ވެގެންދާނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭއިރު އިންސާނީ ކަރާމާތާއި، އިޙްސާންތެރިވުމާއި، ހަމަހަމަވާންޖެހޭނެކަމަށާއި، ޢަދުލުވެރިކަމަކީ މާތްވެގެންވާ އިސްލާމްދީން އެންމެބޮޑަށް ބާރުއަޅާ ކަމަކަށްވާއިރު، ކުރާ ކޮންމެ ކަމެއްގައި، އިންޞާފުވެރިކަމާއެކު، ޢަދުލުވެރިކަންމަތީ ދެމިތިބުމުގެ މުހިއްމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި އެންމެހައި ފަރާތްތަކުންވެސް އެ ގޮތުގައި އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމަކުން، ދިވެހިން ބޭނުންވާ މަޤްޞަދު ހާސިލު ނުކުރެވޭނެކަން ފާހަގަކުރައްވަމުން ނާއިބު ރައީސް ވަނީ ޤާނޫނުގައިވާ ގޮތަށް ކަންތައްތައްކޮށް، އެގޮތަށް ޢަމަލުތައް ބެހެއްޓުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ.

ފުލުހުންގެ އެންމެ އިސް ވާޖިބަކަށް ވާނީ އިސްލާމްދީނަށް ޙުރްމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެންމެމަތީ މަޞްލަޙަތު ރައްކާތެރި ކުރުންކަމަށްވުމާއެކު އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، އަމާން ވެށްޓެއް އެންމެހައި ރައްޔިތުންނަށް ޤާއިމުކޮށްދިނުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބަށް ހަދަންޖެހޭކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.