ޚަބަރު

ފުލުހުންގެ އައު ޤާނޫނުގެ ދަށުން ޚިދުމަތުގެ ހުވައިކޮށްފި


ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން، މަގާމުގައި މިހާރު ތިބި ފުލުުހުން ޚިދުމަތުގެ ހުވައިކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަދު އަމަލުކުރަންފެށުމާއެކު ޤާނޫނުގެ ދަށުން ހުރިހާ ފުލުހުންވެސް މިއަދު ހުވާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފުލުހުންގެ ޚިދުމަތުގައި ހަރަކާތްތެރިވާ ފުލުހުން ހުވައިކުރައްވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ހުވައިކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވައިލައިދެއްވީ ޢުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.

މިރަސްމިއްޔާތުގައި ފުލުހުންގެ ހުވައިގެ ލިއުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ އެންމެ އިސްވެރިން ވަނީ ސޮއިކޮށްފައެވެ.

މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވައިލައިދެއްވި ހުވައާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮންމެ ފުލުހަކީވެސް ޒިންމާދާރު އަބުުރުވެރި އަދި މަސައްކަތުގެ މަސްއޫލިއްޔަތު އުފުލާމީހެއްކަށްވާން ޖެހޭނެކަމަށާއި، ޚިދުމަތްދިނުމުގެ އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ފުލުހުންވާންވާނެކަމަށެވެ. އަދި ކޮންމެ މީހަކާ މުޚާތަބުކުރާއިރުވެސް އިޙްތިރާމާއެކު މުޚާތަބުކުރުމަށާއި، އަދި އިންސާނީ ކަރާމާތަށް ޙުރުމަތްތެރިކޮށް ހިފާ ބަޔަކަށް ފުލުހުން ވާންޖެހޭނެކަން ފާހަގަކޮށް ޚިދުމަތުގައި ދެމިތިބޭއިރު ދީނާއި ޤާއުމަށް އިޚްލާސްތެރިވުމަށް ހުރިހާ ފުލުހުންނަށް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސްކުރައްވާފައެވެ.

"މަޤާމުގެ ގޮތުން ކޮންމެ ފުލުހަކަށްމެ ލިބިގެންވާ ބާއިރާއި، އިްތިޔާރު ބޭނުންކުރަންވާނީ އޭގެ ޙުދޫދުގެ ތެރެއިން ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި އެއްގޮތަށް. ހަމައެއާއެކު ތަޢައްސުބުން އެއްކިބާވެތިބެ، އަދި ފަރުވާތެރިކަމާއެކު ޒިންމާ އަދާކުރުމަކީ އަބަދުމެ ކަންކުރަންޖެހޭނެ ގޮތްކަން ދަނެ، ފުލުހުންގެ ކޮންމެ ޢަމަލަކަށްވެސް ޖަވާބުދާރީވާންޖެހޭނެކަން ދަންނަންވާނެ" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ވުޖޫދަށް ގެނައުމައްޓަކައި ރައްޔިތުންގެ މަޖިލީހުން އަދާކުރެއްވި މުހިއްމު ދައުރު ފާހަގަކުރައްވާފައެވެ. އަދި މިއަދަކީ ފުލުހުންގެ ޚިދުމަތުގެ ތާރީޚުގެ މުޅިން އައު ޞަފުހާއެއް ފެށިގެންދާ ދުވަހެއްކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ފުލުހުން އަދާކުރަމުންދާ ޒިންމާ 21 ވަނަ ޤަރުނަށް ތަރުތީބުވާގޮތަށް ފުލުހުންގެ މުއައްސަސާ ބައްޓަންކުރެވިގެންދިއުމަކީ ޝަރަފެއްކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

"ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ތަޞައްވަރުކޮސްދީފައިވާގޮތަށް ދިވެހި ފުލުހުން ތަރުތީބުކުރެވި ލާމަރުކަޒީކޮށް ޚިދުމަތްދެވެންފެށި ފުލުހުންގެ ފަރާތުން ދިވެހި ސަރުކާރާއި ރައްޔިތުން އުންމީދުކުރާފަދަ ޚިދުމަތާއި ދިމާއަށް ދިއުމައްޓަކައި އަވައްޓެރި ފުލުހުންގެ ގޮތުގައި ޚިދުމަތް ތަރުތީބުކުރެވޭ ދުވަސް. މިފަދަ ދުވަހައްޓަކައި ދިވެހި ސަރުކާރުން ކުރެވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ޝުކުރު އަރިސްކުރަން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އައު ޤާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން ޢާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.