ޚަބަރު

އައު ޤާނޫނާއެކު ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުންވާނެ: ރައީސް


އައު ޤާނޫނުގައިވާ ގޮތަށް ފުލުހުން މިއަދުކުރި ހުވަޔާއެކު ފުލުހުންގެ ޚިދުމަތުގެ ފެންވަރުމަތިވެ، ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރަައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނަށް މިއަދު އަމަލުކުރަން ފެށުމާއި ގުޅިގެން އެންމެހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ވިދާޅުވީ، އައު ޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ޚިދުމަތުގެ ފެންވަރުމަތިވެގެންދާނެކަމަށެވެ. އަދި މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށްވެސް ފުލުހުން ވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރިގެންދާއިރު އައު ޤާނޫނުގައި ބަޔާންކުރެވިފައިވާގޮތަށް ހުރިހާ ދިވެހި ފުލުހުން މިއަދު ވަނީ ޚިދުމަތުގެ ހުވާކުރައްވާފައެވެ.

ފުލުހުންގެ ޚިދުމަތުގެ މިޤާނޫނަކީ، ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް އެކުލަވާލެވި، އަމަލުކުރަން ފަށާފައިވާ ޤާނޫނެކެވެ.

މި ޤާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން ޢާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.