 
					
									
			މީޑިޔާތަކަށް ހުރަސްއެޅުމަށް މިހާތަނަށް އެއްވެސް
ކަމެއް ކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ. 
 
މިރޭ 
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ
ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ،
މިހާތަނަށްވެސް ފުލުހުން މަސައްކަތް ކޮށްފައިވާނީ ނޫސްވެރިންނަށް ފުރިހަމަ
އެއްްބާރުލުން ދީގެން ކަމަށެވެ. 
 
ނަމަވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާނަމަ
ކޮންމެ ފަރާތެއް ނަމަވެސް ފިޔަވަޅު އަޅާނެ ކަމަށް ނަވާޒް ވިދާޅުވިއެވެ. 
 
ފުލުހުން މިހެން
ބުނެފައިމިވަނީ، ކޯޓު އަމުރެއްގެ ދަށުން ސަންގު ޓީވީ އަށް ވަދެ އެތަނުގައި
ބޭނުންކުރަމުންދާ ހާޑު ޑީސްކް ތަކާއި، އެހެނިހެން ބައެއް ތަކެތި ގެންގޮސްފައިވަނިކޮށެވެ.
ފުލުހުން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ނައިބު ރައީސްއަށް އިންޒާރުދީ
ޔޫޓިއުބްގައި އަޕްލޯޑްކޮށްފައިވާ ވީޑިއޯ އަކީ ސަންގު ޓީވީގެ ތެރެއިން
އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއް ކަމަށް ޔަގީން ވެފައިވާ ކަމަށެވެ.