އައްޑޫސިޓީ ފޭދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
މިނިޒާމު ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ އައްޑޫސިޓީ ފޭދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންވައިރަމެންޓް މިނިސްޓަރ ޑރ. ހަސަން ވިދާޅުވީ، މިމަސައްކަތް މިިދިޔަ އަހަރު ޑިސެމްބަރުމަހު ތެރޭގައި ނިމުނު ކަމުގައިވިއަސް ކޯވިޑް-19އާ ގުޅިގެން ދަތުރުކުރުމުގައި ހުރި ދަތިތަކާއެކު، ނިޒާމު ކޮމިޝަން ކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔަކަމަށެވެ.
" ފެންބޮޑުވާ ހުރިހާ ސަރަހައްދެއް ކަވަރ ކުރާ ގޮތައް ނޫން އޭރު ފުރަތަމަ ޕްރޮޖެކްޓް ރޭވިފައި އޮތީ. ހުރިހާ ސަރަހައްދެއް ކަވަރ ކުރާ ގޮތަށް ރާވާ ތަންފީޒުކޮށް މިނިމުނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައި. އަޅުގަނޑުމެންނަކަށް ނުލިބޭ މިތަނަށް (އައްޑޫއަށް) އައިސް ކޮމިޝަންކޮށްގެން އިންސްޕެކްޓް ކުރަން ވަގުތެއް. ކޯވިޑް އާއި ގުޅިގެން އެއްވެސް ބަޔަކަށް ނާދެވޭ. މިހާރު އެކަމާއި ބެހޭ ޓެކްނިކަލް މީހުން އައިސް އެކަން ކުރީމަ، އަޅުގަނޑުމެން މިއައީ ސިޓީ ކައުންސިލާއި ރަސްމީކޮށް އެތަން ހަވާލުކޮށްފަ ބަލަހައްޓަން " އެންވައިރަމެންޓް މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫސިޓީ ފޭދޫއަކީ ވިއްސާރައިގެ ސަބަބުން އާއްމުކޮށް އައްޑޫގައި އެންމެ ބޮޑަށް ގެއްލުންވާ އަވަށެވެ. މިދިޔަ އަހަރު ކުރި ވިއްސާރައިގައިވެސް އެތައް ގެއެއްގައި ފެން ބޮޑުވެ، ހިފާ ގެންގުޅޭ ސާމަނަށް ގެއްލުން ވެފައިވެއެވެ.
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، މި ނިޒާމުގެ ތެރެއިން ވެހޭ ހުރިހާ ފެނެއް ބޭރުކުރުމުގެ ބަދަލުގައި، ފެންބޮޑުވާ ހިސާބަށް ދާ ފެންގަނޑު ބޭރުކުރެވޭ ގޮތަށް ނިޒާމު ފަރުމާ ކުރެވިފައިވާކަމަށެވެ. އަދި މިއީ ފޭދޫއަށް ވިއްސާރައިގެ ސަބަބުން މިހާތަނަށް ލިބެމުން އައި ގެއްލުން ކުޑަ ކުރެވޭނެ ނިޒާމަކަށް ވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.
މި ނިޒާމު ފަރުމާކޮށްފައިވަނީ ވޯޓަރ ސޮލިއުޝަންސް ޕްރެވެޓް ލިމިޓެޑްއިންނެވެ. އަދި ނިޒާމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ކޮމްބައިން ޕްރެވެޓް ލިމިޓެޑް އިންނެވެ.
މިމަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ ޖުލައި 2018 ގައެވެ. އަދި އަމަލީ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ތެރޭގައި ވަނީ ނިންމާފައެވެ. މިމަޝްރޫއަށް 23 މިލިއަން ރުފިޔާ ޙަރަދުވެފައިވެއެވެ.