ޚަބަރު

"ކޯވިޑް-19ގެ ޙާލަތުގައި ކުރެވުނު އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ހޮސްޕިޓަލް ތަރައްޤީކުރުން"


ކޯވިޑް-19ގެ ޙާލަތުގެތެރޭގައި ސަރުކާރަށް ކުރެވުނު އެންމެމުހިންމު އެއް މަސައްކަތަކީ، ރާއްޖޭގެ 5 ސަރަޙައްދެއްކައި 5 ރީޖަނަލް ހޮސްޕިޓަލަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް ހަމަކޮށް އެތަންތަން ތަރައްޤީކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އައި.އާރް.އައި ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ހުރިހާ ދިވެހިންވެސް ރަށު ބަންދުގައި ތިބޭތާ، މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާކަމަށެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ މިފަދަ ދުވަސްވަރެއްގައި އަހަރަކަށްވުރެ ގިނަ ދުވަހު ހޭދަކުރި ދަތި ދުވަސްތަކުން ލިބުނު އެންމެ ބޮޑު ޢިބްރަތަކީ، މާލޭގެ ތޮއްޖެހުމާމެދު ފިޔަވަޅު އެޅުން މާބޮޑަށް ލަސްވެފައިވާކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލެއަށް ޖަމާކޮށްފައިވާ ބާރުތަކާއި ޚިދުމަތްތައް، މުޅި ރާއްޖެއަށް ބަހާލަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކޯވިޑް-19ގެ މިވީ ދުވަސްތަކުގައި ރާއްޖޭގެ ސިއްޙީ ދާއިރާ ލާމަރުކަޒުކުރުމަށް ފާހަގަކޮއްލެވޭ މުހިންމު މަސައްކަތަކެއް ކުރެވިފައިވާކަމަށެވެ.

"ކޯވިޑްގެ ދަތިކަމުގައި މި ހޭދަވި އަހަރަކަށްވުރެ ގިނަ ދުވަހު، އަޅުގަނޑުމެން މިމަސައްކަތްކުރީ، ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ވަސީލަތްތައް ހޯދައި އެތަންތަން ތަރައްޤީކުރަން. އަޅުގަނޑު ދެކޭގޮތުގައި، މިއީ ކޯވިޑްގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތް ކޯވިޑްގެ ސަބަބުން އެތައް މަހެއް ވަންދެން މާލެ ބަންދުވެފައި އޮތްނަމަވެސް އަތޮޅު ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދިޔަކަން އަޅުގަނޑު ފާހަގަކުރަން. އެއީ، ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމަށް، 2019 ވަނަ އަހަރުން ފެށިގެން ކުރަމުން މި އަންނަ މަސައްކަތްތަކުގެ ނަތީޖާ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްޙީ ދާއިރާފަދަ ރައްޔިތުންނާ އެންމެ ގުޅުހުރި ޚިދުމަތްތައް ލާމަރުކަޒް ކުރުންފަދަ ކަންކަން ފުރިހަމައަށް ކުރެވޭނީ، ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ ވިސްނުން، ލާމަރުކަޒީ ޤާނޫނުގެ ރޫޙާ އެއްގޮތްވެގެންކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ، ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ވިސްނުމާއި މަސައްކަތް، މި މަގަށް ބަދަލުކޮށްގެން. އަޅުގަނޑު މިއަދު އެދެނީ މިފަދަ މުނާސަބު ވަގުތެއްގައި، މި ވިސްނުމާއެކު ތިޔަ ހުރިހާ ބޭފުޅުން މަސައްކަތް ފެށްޓެވުން. އަދި ލާމަރުކަޒީ ނިޒާމަށް ރާއްޖެ ބަދަލުކުރުމަށް، ކުރެވެންހުރި ކަންކަމާމެދު މަޝްވަރާ ކުރެއްވުމަށް. މިކަން ކުރެވޭނެގޮތަށް ވިސްނުން ބެހެއްޓެވުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައި.އާރް.އައި ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްތަކަކީ އެކި ކަންކަމާ ގުޅޭ ސިޔާސަތުތައް އެއްގޮތްކުރުމަށްވެސް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށާއި، ޓެކްނިކަލް ލެވެލްގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން، މިފަދަ ކޮންފަރެންސްތަކުގައި މަޝްވަރާ ކުރެވި، މިކަންކަން ރަނގަޅުކުރާނެ ގޮތްތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.