ޚަބަރު

ސަންގުޓީވީއަށް ފުލުހުން ވަނީ ހެކި ހުރެގެން- ފޮރިން މިނިސްޓަރ


ސަންގު
ޓީވީއަށް ފުލުހުން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ގޮތުން
ނޫންކަމަށާއި، ފުލުހުން އެސްޓޭޝަނަށް ވަނީ ސާފު ހެކިތަކެއް ލިބިގެންކަމަށް
ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި
ޚާރިޖިއްޔާއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.  ދުންޔާ ވިދާޅުވީ، އާންމުންގެ
ތެރޭގައި ދީނީ އަދި ސިޔާސީ ހަމަނުޖެހުން އުފެއްދަން މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން
ފުރުސަތު ނުދެއްވާނެކަމަށެވެ. 

 ފުލުހުން ރޭ ބުނެފައިވަނީ ސަންގު ޓީވީއަށް ވަނީ، ސަރުކާރުގެ
އިސްވެރިންނަށް އިންޒާރުދީ ޢާއްމުކޮށްފައިވާ ވީޑިއޯ އަކީ ސަންގު ޓީވީގެ ތެރެއިން ޢާއްމުކޮށްފައިވާ
ވީޑިއޯއެއް ކަމަށް ޔަގީން ވެފައިވާތީކަމަށެވެ.  މޭ މަހުގެ ނުވަނަ ދުވަހު ސަރުކާރުގެ
އިސްވެރިންނަށް އިންޒާރުދީ ޢާއްމުކޮށްފައިވާ ވީޑިއޯއަކީ ސަންގުޓީވީގެ
ކޮމްޕިއުޓަރެއް މެދުވެރިކޮށް އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.  އަދި މި
ވީޑިއޯ އާއްމުކޮށްފައިވާ ކޮމްޕިއުޓަރުގެ އައި.ޕީ އެޑްރެސްއަކީ ސަންގުޓިވީ ތެރޭގައި
ހުރި ކޮމްޕިއުޓަރ ސިސްޓަމެއް ކަމަށްވެސް ފުލުހުން ބުނެއެވެ. 



ދުންޔާ ވިދާޅުވީ
މިފަދަ ސިރިއަސް މައްސަލައެއްގެ ތެރޭގައި ރާއްޖޭގެ ބްރޯޑްކާސްޓަރަކު ހިމެނުމަކީ
ޚާރިޖިއްޔާއިން ކަންބޮޑުވާ ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކުއްލި
ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ މި ދަނޑިވަޅުގައިވެސް  ރާއްޖޭގެ ނޫސްވެރިންނާއި، ބްރޯޑްކާސްޓަރުންނަށް
މިނިވަންކަމާއިއެކުު ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އެބައޮތްކަމަށެވެ