ޚަބަރު

ކޯވިޑް-19 ދިފާޢު: މިއަދު 1807މީހުން ވެކްސިން ޖެހި، ގިނައީ ރަށްރަށުން ވެކްސިންޖެހި މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 1807 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 235،682 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން 656 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ މީހުންގެ ޢަދަދު ވަނީ 130،376އަށް އަރާފައެވެ. މީގެ އިތުރުން އަތޮޅުތަކުން އަލަށް ވެކްސިން ޖެހި 1151 މީހުންނާއެކު އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޢަދަދު މިވަނީ 105،306އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އެއީ ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރާއި، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ.

މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ.