ޚަބަރު

ކައުންސިލް އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގައި ބޮޑުކާމިޔާބީއެއް ހޯދޭނެ - ރައީސް


ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބުކުރެވިއްޖެނަމަ ކުރިއަށްއޮތް އަހަރުތަކުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމުގައި ބޮޑުކާމިޔާބީއެއް ހޯދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންތިޒާމުކޮށްގެން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާއެކު ބޭއްވި ހަރަކާތް ނިންމާލުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަހަރުގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކުރެވޭނެކަމުގެ އުންމީދުބޮޑުކަމަށެވެ.

ކޯވިޑް-19ގެ ދަތި ދަނޑިވަޅުގައިވެސް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމައްޓަކައި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރިއަށްގެންގޮސްފައިވާކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުރިހަމަކުރުމާއި، މާލީ ގޮތުން ރައްޔިތުން ފުދުންތެރިކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވިކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އަދި ރަށްރަށުގައި ކުރިއަށްގެންދަން ނިންމާފައިވާ ތަރައްޤީގެ މުހިއްމު މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށްގެންދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޕީއެސްއައިޕީގެ މުޅި ޕްރޮޖެކްޓަށް، އެކްސްޕެންސަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވިއްޖެ 8.8 ބިލިޔަން ރުފިޔާ މިދިޔަ އަހަރު ނިމުނުއިރު ޚަރަދުކުރެވިފައިމިވަނީ. އެއާއެކު ހަޔަރ އެޑިއުކޭޝަން މިދިޔަ މަހުގެ ނިޔަލަށް 10000ދަރިވަރަކަށް މިވަނީ ފަސްޓް ޑިގްރީއއަށް ހިލޭ ކިޔެވުމުގެ ފުރުސަތުދެވިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް މެދުކަނޑާލިއިރު، 139 މިލިޔަން ރުފިޔާ އެކަމަށް ޚަރަދުކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ދިމާވި މާލީ ދަތިތައް ހައްލުކުރުމަށް 628 ފަރާތަކަށް 771.6 މިލިޔަން ރުފިޔާގެ އެސްއެމްއީ ލޯނު ދެވިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.