ޚަބަރު

ކޯވިޑް-19 : އަތޮޅުތަކުން 168 މީހުން ޕޮޒިޓިވް، މިއަދުގެ ޖުމުލަ 241އަށް


މީހުން ދިރިއުޅޭ ރަށްރަށާއި ސިނާޢީ ރަށްރަށުން ގިނަ ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ މިއަދުގެ ޖުމްލަ ޢަދަދު 241އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުން ގިނަ ޢަދަދެއްގެ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ވިދާޅުވީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 241 މީހުންގެ ތެރެއިން މީހުން ދިރިއުޅޭ ރަށްތަކުންވަނީ 74 މީހުން ޕޮޒިޓިވްވެފައެވެ. އަދި ސިނާޢީ ރަށްރަށުން 79 މީހުންވަނީ ޕޮޒިޓިވެފައެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ 73 މީހުންނެވެ.

އަތޮޅުތަކުގައި ކޭސްތައް އިތުރުވެ ފަރުވާ ހޯދާމީހުންގެ ޢަދަދު 647އަށް އަރާފައިވާއިރު، އެންމެ ގިނައިން ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ޅ.ނައިފަރާއި ފެލިވަރުގެ އިތުރުން މާލެ އަތޮޅު ހުރައިންނެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންނާއެކު ފެލިވަރުގެ ޕޮޒިޓިވްކޭސްތަކުގެ ޢަދުވަނީ 150އަށް އިތުރުވެފައެވެ. ނައިފަރުން ޖުމުލަ 99 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، މާލެ އަތޮޅު ހުރައިންވަނީ 110 މީހުން ޕޮޒިޓިވެވަފައެވެ. މިވަގުތު ރާއްޖޭގެ 15 ރަށެއްވަނީ މޮނިޓަރިންއަށްލާފައެވެ.

މިއާއެކު ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 24،000އިން މައްޗަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިއަދު 171 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 21،155 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،849 މީހުންނެވެ. އަދި 99 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި 3850 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު މިބަލި ދެނެގަތުމަށް ރާއްޖޭގައި ނެގި ސާމްޕަލްގެ ޢަދަދުވަނީ ޖުމްލަ 650،537 އަށް އިތުރުވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.