ވިޔަފާރި

އެޗްޑީސީގެ ކޯލް ސެންޓަރެއް ފުވައްމުލަކުގައި ހުޅުވައިފި


ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ކޯލް ސެންޓަރެއް ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި އޮންލައިންކޮށް ބުރާސްފަތިދުވަހު ބޭއްވި ރަސްމީއްޔާތުގައި އެޗްޑީސީން ވިދާޅުވީ، މިއީ އެކުންފުނީގެ "ބިޔޯންޑް ހުޅުމާލެ"ގެ ދަށުން ކުރިއަށް ގެންދެވުނުކަމެއް ކަމަށެވެ. އޮގޮތުން މިކޯލްސެންޓަރު ޚިދުމަތް 3 މުވައްޒަފުންނާއެކު ފެށިއިރު މިތަނުގައި މަސައްކަތް ކުރަމުންދާނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ މުވައްޒަފުންނެވެ. އެކޯލް ސެންޓަރުގެ ހޮޓްލައިން ނަމްބަރަކީ 1516އެވެ.

އެޗްޑީސީން ވިދާޅުވީ، އެކުންފުނީގެ ކޯލް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭންފެށީ، އެކުންފުނިން ދެމުން އަންނަ ޚިދުމަތްތަށް ރައްޔިތުންނާ ވީހާވެސް ގާތުން ދެވި، ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަންގަޅުކުރުމުގެ ގޮތުންކަމަށެވެ. އަދި މީގެސަބަބުން ފުވައްމުލަކު ސިޓީގައި ވަޒީފާގެ ފުރުސަތު ތަނަވަސްވެ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލާ ގުޅިގެން ފަންނީ މަސައްކަތް ކުރުމަށްވެސް މަގުފަހި ވެގެން ދާނެ ކަމަށެވެ.

މިކޯލް ސެންޓަރުގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ، އެކުންފުނީގެ ކޯލް ސެންޓަރެއް ފުވައްމުލައް ސިޓީގައި ހުޅުވުމުން ކައުންސިލާއެކު މަސައްކަތްކުރުމަށް އިތުރަށް މަގުފަހިވާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.

މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ މޭޔަރ ފަލާޙް ޝަރީފް ވިދާޅުވީ، ފުވައްމުލައް ސިޓީގެ އާބަން ސިޓީ ޑިޒައިން އިސްލާހު ކުރުމާއި މަޝްރޫޢުތަކަށް ފަންނީ އެހީ ދިނުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލުކުރުމަށްވެސް އެކުންފުންޏާއެކު މަސައްކަތް ކުރުމުގެ ވިސްނުން ހުރި ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން މާލެ ސަރަހައްދުން ބޭރުގައި ޚިދުމަތް ދިނުމުގެ ވިސްނުން ކުރިއަށް ވުރެ ބޮޑަށް މިހާރު ގެންގުޅުއްވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޗްޑީސީއަކީ ހުޅުމާލޭގެ ތަރައްޤީއަށް މަސައްކަތްކުރުމަށް އުފެދިގެންއައި ކުންފުންޏެކެވެ. މިކުންފުންޏަށް މިއަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު 20 އަހަރު ފުރެއެވެ. އެޗްޑީސީ އަކީ ހުޅުމާލޭގެ ތަރައްޤީކުރުމަށް، އޭރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެދި ކުންފުންޏެކެވެ.

އެކުންފުނިން މިހާރު މަސައްކަތް ކުރާ "ބިޔޯންޑް ހުޅުމާލެ އިނީޝިއޭޓިވް" އަކީ ހުޅުމާލެ ތަރައްޤީ ކުރުމުގައި އެކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ރައްޖޭގެ އެހެން ރައްތަކުގެ ތަރައްޤީ އަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.