ވިޔަފާރި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ 5 މަޝްރޫޢަކަށް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެހީވާނެ 5 މަޝްރޫޢު ހޮވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ، އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާ، ޖަމާޢަތްތަކުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭ އެހީއެކެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް ކޮންމެ ކުއާޓާއެއްގައި 5 މަޝްރޫޢު ނެގި ކޮންމެ އަހަރަކު 20 މަޝްރޫއަކަށް އެހީތެރިވެދެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ހޮވުނު މަޝްރޫއުތައް

  • 1- ހއ.ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްޤީކޮށްދިނުން - މިޑްލް ސްޕޯރޓްސް ކްލަބް
  • 2- ހދ.ނޮޅިވަރަންފަރުގައި ފޮތްކިޔުމަށް ޚާއްސަ ޕާކެއް ތަރައްގީކުރުން - ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް
  • 3- އއ.މަތީވެރީގެ އިންޑޯރ ސްޕޯރޓްސް ފެސިލިޓީ ތަރައްގީކުރުން - އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯރޓްސް އެންޑް އެވެއަރނަސް
  • 4- ލ.ފޮނަދޫގައި ފޮތްކިޔުމަށް ޚާއްސަ ޕާކެއް ތަރައްޤީކުރުން - ވިމެންސް އެންހޭންސްމަންޓް
  • 5- ގއ.ގެމަނފުށީގައި ބީޓެކް ހޮސްޕިޓޭލިޓީ ކްލާސްރޫމެއް ތަރައްގީކުރުން - ދިވެހި މަސްވެރިންގެ ޖަމްޢިއްޔާ

ބީއެމްއެމްލްއިން ވިދާޅުވީ މިފިޔަވަހީގައިވެސް ރަނގަޅު މަޝްރޫޢުތަކެއްގެ ހުށަހެޅުންތައް ލިބިގެން ދިޔަކަމަށެވެ. މިފަހަރު ޙަވާލުކުރާ 5 މަޝްރޫއު ހިމެނޭ ގޮތަށް މިހާތަނަށް 45 މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ބީއެމްއެލްއިން ފާހަގަކުރެއްވިއެވެ.

"އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި ޢަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަމަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މިޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ" މިކަމާއި ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތަޢުލީމާއި ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުންފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. އަދި މިއިން ކޮންމެ ޕްރޮޕޯސަލަކަށް 50،000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.