ވިޔަފާރި

"މައި ވަރޗުއަލް މޯލްޑިވްސް" އިފްތިތާހުކޮށްފި


އެމްއެމްޕީއާރުސީން ވަރޗުއަލް އިވެންޓު މެނޭޖްމެންޓު ޕްލެޓްފޯމެއް އިފްތިތާހްކޮށްފިއެވެ.

ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މިޕްލެޓް ފޯމަށް ދީފައިވާ ނަމަކީ "މައި ވަރޗުއަލް މޯލްޑިވްސް"އެވެ. މިޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭ ފެންވަރަށެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ރޯޑުޝޯ، ވެބިނަރ، ޓްރެއިނިންގ އަދި ލައިވްކޮށް ކުރިއަށްގެންދާ މަރކެޓިންގ އެހެނިހެން ހަރަކާތްތައް "މައި ވަރޗުއަލް މޯލްޑިވްސް" މެދުވެރިކޮށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

3 ޑީ ގްރެފިކްސްއިން ފަރުމާކޮށްފައިވާ މިޕްލެޓްފޯމްގެ ކޮންމެ ބަޔަކުންވެސް ދައްކުވައިދެނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކެވެ. ޕްލެޓްފޯމުގެ 'އައިލްސް މެއިން ލޮބީ'އިން ދައްކުވާދެނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ރަށްތަކެވެ.

މެއިން ލޮބީން ޕްލެޓްފޯމުގެ އެހެން ބައިތަކަށް ދެވެއެވެ. 'ބެއަރ ފުޓް ބީޗް ކޮންފަރެންސް'ގެ ނަން ދީފައިވާ އޮޑިޓޯރިއަމްގައި ވެބިނަރތަކާއި، ވަރޗުއަލް ކޮންފަރެންސް އާއި ލައިވްސްޓްރީމް ކުރިއަށްގެންދެވޭނެއެވެ. މިބައި ފަރުމާ ކޮށްފައިވަނީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު "މޫވީ އަންޑަރ ދަ ސްޓާރސް"ގެ ކޮންސެޕްޓަށެވެ.

ވޯޓަރ ވިލާތަކުން ދައްކުވައިދޭ "ސަނީ ސައިޑް އެގްޒިިބޝަން ހޯލް"ގައި ވަރޗުއަލް އެގްޒިބިޝަންތައް ކުރިއަށް ގެންދެވޭނެއެވެ. އަދި "އަންޑަރ ވޯޓަރ ނެޓްވަރކިންގް ސުއިޓް" އަކީ ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ރާއްޖޭގެ ކަނޑުއަޑީގެ ރެސްޓޯރަންޓްތަކުގެ ކޮންސެޕްޓަށް ތައްޔާރުކުރެވިފައިވާ ބައެކެވެ. ޕްލެޓްފޯމުގައި ވަރޗުއަލްކޮށް އިންޓަރެކްޓު ކުރެވޭ ސޯޝަލް ވޯލްއަކާއި ރެފްލްތަކަށް ޚާއްޞަ ކޮންޓެސްޓް އޭރިއާގެ އިތުރުން ތަރުޖަމާކުރުމާއި ސަޕޯޓު ފަންކްޝަންތައްވެސް ހިމެނެއެވެ.

"މައި ވަރޗުއަލް މޯލްޑިވްސް"ގެ ޕްލެޓުފޯމުގައި އެންމެ ފުރަތަމަ އިވެންޓެއްގެ ގޮތުގައި ބޭއްވިފައިވަނީ ފްރާންސް މާކެޓުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް ފްރާންސް ބަހުން ބޭއްވި ވެބިނާގެ ފުރަތަމަ ސެޝަނެވެ.

މިއަހަރުގެ ތެރޭގައި އެކި މާކެޓުތަކަށް އަމާޒުކޮށް އެކިކަހަލަ ވަރޗުއަލް އިވެންޓު "މައި ވަރޗުއަލް މޯލްޑިވްސް"ގައި ކުރިއަށްގެންދިޔުމަށް ރޭވިފައިވެއެވެ. އެމްއެމްޕީއާރުސީން ކުރިއަށްގެންދާ އެހެނިހެން ހަރަކާތްތަކުގައި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް މިއިވެންޓުތަކުން ލިިބގެންދާނެއެވެ.

މިފަދަ ހަރަކާތްތަކުގެ ނަތީޖާ މިއަދު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނަންބަރުތަކުން ފެނެއެވެ. ޑިޖިޓަލް ހަރަކާތްތަކާއެކު އެމްއެމްޕީއާރުސީން އެހެނިހެން ޓްރެޑިޝަނަަަލް އަދި އައު ގޮތްގޮތުން ރާއްޖެ ޕްރޮމޯޓު ކުރަމުންދެއެވެ. އަދި މިބަލިމަޑުކަމުގެ ތެރޭގައި "މައި ވަރޗުއަލް މޯލްޑިވްސް' ލޯންޗު ކުރުމަކީ ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް އެޅޭ ބޮޑު ފިޔަވަޅެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.