ޚަބަރު

ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގެ ފޭސް 1ގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މިފްކޯއިން ހިންގާ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކެވުމުގެ މަސައްކަތް ފަށްޓަވައިދެއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ އާއި އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤްއެވެ.

މިމަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި، 1788 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 97 މީޓަރުގެ ބަނދަރު ތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތަކީ 68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިންގް ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އުފެދުމުގެ ކުރީން އައްޑޫ އަދި ދެކުނު ސަރަހައްދުގެ މަސްވެރިން ބޭނުންކުރަމުން އައީ ކޫއްޑޫގެ ބޯޓުތައް ކަމަށެވެ. އަދި މިތަން ޤައިމު ވުމާއި އެކު މިސަރަހައްދުގެ މަސްވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ފައުޒީ ވިދާޅުވީ، މިމަސައްކަތް ނިމުމާއެކު މިތަނުން ބޭރުގެ މާކެޓުތަކަށް މަސް ބޭރު ކުރެވޭނެ އިންތިޒާމު ހަމަޖެހި މިތަން ފުރިހަމަވެގެން ދާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީއަކީ މަސްވެރިކަން ތަރައްޤީކުރުމުގެ މަސައްކަތުގައި އަބަދުވެސް އެއްބާރުލުން ދޭނެ ކުންފުންޏެއް ކަމަށާއި، މިމަސައްކަތްވެސް އެކުންފުނީގެ އެހެން މަސައްކަތަކޭ އެއްގޮތަށް މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާ ހަވާލުކުރާނެ ކަމަށެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ތަނެކެވެ. އެތަނަށް މިވަގުތު ދިމާވެފައިވާ ދައްޗަކީ މަސް ބޭރުކުރުމުގައި ހުރި ދަތިކަން ކަމަށް މިފްކޯއިން ބުނެއެވެ.