ވިޔަފާރި

ފްރާންސް ބަހުން، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަނީ


ފަރަންސޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު އެޤައުމުގެ ބަހުން ދިނުމަށް ޚާއްސަ ވެބިނާތަކެއް ފަށައިފިއެވެ.

ދިވެހި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގެ ގޮތުން، އެމްއެމްޕީއާރްސީން ކުރިއަށް ގެންދާ މިވެބިނާތަކަކީ މައި ވާޗުއަލް މޯލްޑިވްސް ޕްލެޓްފޯމް މެދުވެރިކޮށް ކުރިއަށް ގެންދާ ވެބިނާތަކެކެވެ. މި ވެބިނާތައް ކޮންމެ 3 މަހުން އެއް މަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިވެބިނާތަކުގައި ސަބަބުން ފަރަންސޭސިވިލާތުގެ ބޯޑަރު އަލުން ހުޅުވޭއިރު އެޤައުމުގެ އެޖެންޓުންނަށް ރާއްޖެއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

ރާއްޖެއާއި ގުޅޭ އާންމު މައުލޫމާތުގެ އިތުރުން މިވެބިނާ ސީރީސްގެ ތެރެއިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ރާއްޖެއާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މިގޮތަށް ކުރިއަށް ގެންދެވޭ ސެޝަންތަކުގެ ތެރޭގައި މޫދު ކުޅިވަރުގެ ހަރަކާތްތަކާއި، ރާއްޖޭގައި ހަނީމޫން ދަތުރު ހޭދަކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ރާއްޖޭގައި ކުރިއަށް ގެންދާ ގޮތާއި، ރާއްޖޭގެ ގެސްޓު ހައުސް ވިޔަފާރިއާއި ސަޤާފަތާއި ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތަށް ބޭއްވި ފުރަތަމަ ސެޝަންގައި 150 އެއްހައި ފަރާތުން ވަނީ ބައިވެރިވެފައެވެ. މޫދު ކުޅިވަރާއި ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ މިސެޝަނުގައި ޕުލްމަން މޯލްޑިވްސް އާއި ޕެރެޑައިސް އައިލޭންޑް ރިސޯޓުންވެސް ބައިވެރިވިއެވެ. މިސެޝަންގެ ތެރޭގައި ރާއްޖެއާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ދީ އަދި ޖަވާބުތައް ދިން މީހުންގެ ތެރެއިން، ދެ ފަރާތަކަށް ޕުލްމަން ރިސޯޓުގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ވަނީ ދީފައެވެ.

މިސެޝަންތަކުގެ ތެރެއިން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރާއްޖެ އުފެދިފައި އޮތްގޮތުން ބަލިފެތުރުމުގެ ފުރުސަތު ކުޑަވުމާއި، ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތުވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ފްރާންސްގެ ޓުއާރ އޮޕަރޭޓަރެއް ކަމަށްވާ ވެރީޗިކް އާއި އެކު، ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތެއް ވަނީ ހިންގާފައިވާ ކަމަށް އެމްޕްޕީއާރުސީން ބުނެއެވެ. އަދި އިތުރު ހަރަކާތްތައް މިމާކެޓުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ބޯޑަަރު ހުޅުވުނު ފަހުން ފަރަންސޭސިވިލާތަކީ 10 ވަނައަށް އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެ ޒިޔާރާތް ކުރާ މާކެޓެވެ. މިމާކެޓުން ރާއްޖޭގެ ފަތުރުވެރިކަމުގެ %2.4 ހިއްސާ ކުރާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.