ކޯވިޑް-19

ކޯވިޑް-19 : ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، އަނެއްކާވެސް އިތުރު އެއް މަހަށް


ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު އެއް މަހަށް ދަމަހައްޓައިފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރުގެ މާރިޗު 12އިން ފެށިގެން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، އަންނަ މެއިމަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ހެލްތު މިނިސްޓަރު ނިންމަވާފައިވާކަމަށެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ސޮއިކުރައްވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19، ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި 12 މާރިޗު 2020ގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމަށާއި، އަދި އެނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައިވާކަމަށެވެ.

އެންމެ ފަހުން މިދިޔަ މަހުގެ 4ވަނަ ދުވަހު އާންމުކުރި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، މިއަދަށް ހަމަވާނެއެވެ. މިއާއެކު މިޙާލަތު މިހާތަނަށް 13 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ. އާންމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރިފއިވާ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ކޯވިޑް-19ގެ ކޭސްތައް ފުރަތަމަ ފެނުނީ ރިސޯޓުތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ކަނޑައަޅާފައެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް ދަމަހައްޓާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ އައު ބާވަތް ރާއްޖެއަށް އައިސްފައިވާކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އަދި ޤައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރު ބަލާ މިންގަނޑުން ބަލާނަމަ ރާއްޖެ މިވަގުތު އޮތީ ހައިރިސްކު ޙާލަތުގައިކަމަށް، ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ.ޝީނާ މޫސާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއްމަހަށް ދެމެހެއްޓުމަށް ނިންމާފައިވީނަމަވެސް، ކޯވިޑް-19އާ ގުޅިގެން މާލޭ ސަރަޙައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެޗްޕީ.އޭއިން ދާދިފަހުން ވަނީ ބޮޑެތި ލުއިތަކެއްދީފައެވެ. އެގޮތުން ވެހިކަލް ދުއްވުން މަނާކޮށް ކާފިއު އިޢުލާންކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ހޮޓާތަކާއި ފިހާރަތަށް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އަދި ޕާކުތަކާއި ކަސްރަތު ކުރާ ތަންތަން ހުޅުވާލުމުގެ ހުއްދަ ދީފައިވާއިރު، ސްކޫލްތަކާއި ޔުނިވަރސިޓީތަކަށް ދަރިވަރުން ގޮސްގެން ކިޔެވުމުގެ ހުއްދަވެސް އެޗް.ޕީ.އޭއިން މިހާރު ވަނީ ދީފައެވެ.