ވިޔަފާރި

މިއަދުން ފެށިގެން ޓެކްސީގައި ލަވަޖެހޭނީ ފަސިންޖަރުންގެ ހުއްދައާއެކު


ޓެކްސީގައި ލަވަ ޖެހޭނީ ފަސިންޖަރުންގެ ރުހުން ލިބިގެންކަމަށް ކަނޑައަޅާ ޓެކްސީ ޤަވާއިދަށް އިސްލާޙުތަކެއް ގެނެސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ ޓެކްސީ ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުތަކާއެކު ޓެކްސީ ސެންޓަރާއި، ޓެކްސީގެ ޚިދުމަތްދޭ އުޅަނދާ ދެމެދުގައި "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ޤާއިމްކޮށްފައި ހުންނާންވާނެކަމަށެވެ. މި ނިޒާމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ހުއްދަ ނަގާންޖެހޭ ނިޒާމެއް ނަމަ، އެ ހުއްދައެއް ނެގުމަށްފަހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާންވާނެ ކަމަށާއި، މިފަދަ މުއާޞަލާތީ ނިޒާމެއްގެ ބޭނުން ހިފާއިރު މުޖުތަމަޢުގައި ބަލައި ނުގަނެވޭ ފަދަ ބަސްތައް ބޭނުންކޮށްގެން ނުވާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކުރެއެވެ.

ޓެކްސީގެ ޚިދުމަތް ދޭ ފަރާތުން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ފިޔަވައި، އަޑު ނުކުންނަ ބާވަތުގެ އެހެން އެއްވެސް އާލަތެއް ރޭޑިޔޯ، ޓީވީ، ލަވަޖަހާ ސެޓު ނުވަތަ މިނޫންވެސް މި ބާވަތުގެ އެއްވެސް އެއްޗެއް ޓެކްސީގައި ބޭނުންކުރާންވާނީ، ފަސިންޖަރުންގެ ރުހުން ލިބިގެން ކަމަށާއި މިނޫން ގޮތަކަށް މިފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީ ޓެކްސީ ޤަވާއިދަށް ގެނައި އިސްލާޙްގައިވެއެވެ.

"މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަކުރާ މުއާޞަލާތީ ނިޒާމެއް" ކަމަށް ކަނޑައަޅަނީ އިންޓަރނެޓް ފަދަ ވަސީލަތެއް މެދުވެރިކޮށްގެން ބޭނުންކުރާ މުއާޞަލާތީ ނިޒާމު ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ފްރިކްއެންސީ އެއް ރަޖިސްޓަރކުރަން ނުޖެހޭ ކޮންމެ ނިޒާމެއްކަމަށް މިޤަވާއިދުގައިބުނެއެވެ.