ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ފްރަންޓްލައިން މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް %90 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ސީއެންބީސީ އިންޓަނޭޝަނަލްއަށް މައުލޫމާތު ދެއްވަމުން، ޑރ. މައުސޫމް ވިދާޅުވީ، ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުންކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ވެކްސިން ޕްރޮގްރާމު ފެށިގެން ފުރަތަމަ ޑޯޒް މިދާއިރާގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ %90 މީހުންނަށް ދެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ދެވި ނިމުމާއެކު، "3 ވީ" ވެކްސިނޭޝަން ޕްރޮގްރާމެއް ފަށާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ރާއްޖެ ދެކެ ލޯބިވާ ރާއްޖެ ނާދެވިފައި ތިބި ދުވަސްވީ ފަތުރުވެރިން ވެސް ރާއްޖެ ގެނެއުމެވެ.
"ވިޒިޓް، ވެކްސިނޭޓް، ވެކޭޝަން" ޕްރޮގްރާމާއި ގުޅިގެން އިތުރަށް ތަފްސީލު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިފަދަ ޕްރޮގްރާމަކަށްދާއިރު ރާއްޖެއަށް ބޭނުންވާ ވެކްސިން ސްޓޮކް އެންމެ އެކަށީގެންވާ ވަރަށް ހުރި ކަމަށެވެ.
"އަޅުގަނޑުމެންނަށް އިނޑިއާއާއި ޗައިނާގެ އެހީތެރިކަން ވެކްސިން ހޯދުމުގައި ވަރަށް ބޮޑަށް ލިބިގެން ދިޔަ. މީގެ އިތުރުން ދުނިޔޭގެ ކޯވިޑް ޕްރޮގްރާމު ތަކުގެ ތެރެއިން ވެސް ވެކްސިން ވަނީ ލިބިފަ. މިވަގުތަށް ރައްޔިތުންނަށް ބޭނުންވާވަރަށް ވެކްސިން އެބަހުރި. އަދި ސިންގަޕޫރުން ވެސް އޯޑަރު ކުރެވިފައި ވަނީ. އެހެންވީމަ އެވެސް އައުމާއެކު އަޅުގަނޑުމެން އަތުގައި ބޭނުންވާ ވަރަށް ވެކްސިން ހުންނާނެ" ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އިނޑިއާއާއި ޗައިނާގެ އެހީތެރިކަން ވެކްސިން ހޯދުމުގައި ވަރަށް ބޮޑަށް ލިބިގެން ދިޔަ. މީގެ އިތުރުން ދުނިޔޭގެ ކޯވިޑް ޕްރޮގްރާމު ތަކުގެ ތެރެއިން ވެސް ވެކްސިން ވަނީ ލިބިފަ. މިވަގުތަށް ރައްޔިތުންނަށް ބޭނުންވާވަރަށް ވެކްސިން އެބަހުރި. އަދި ސިންގަޕޫރުން ވެސް އޯޑަރު ކުރެވިފައި ވަނީ. އެހެންވީމަ އެވެސް އައުމާއެކު އަޅުގަނޑުމެން އަތުގައި ބޭނުންވާ ވަރަށް ވެކްސިން ހުންނާނެ.ޓުއަރިޒަމް މިނިސްޓަރ - މައުސޫމް
ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ މިއަހަރު ރާއްޖެ އެއް މިލިއަން ފަތުރުވެރިން ގެނެވޭނެކަމަށް ލަފާކުރި ނަމަވެސް، މިހާރު ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު، މިއަހަރު ތެރޭގައި 1.5 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ބެލެވިފައިވާ ކަމަށެވެ. އަދި މިއާއެކު މިއަހަރު 10 މިލިއަން އެނދު ވިކުމުގެ އަމާޒު ހާސިލް ވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.