ވިޔަފާރި

ހެޔޮ އަގުގައި ރަށްރަށަށް ކޮންސްޓްރަކްޝަން ސާމާނު ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަނީ


ރާއްޖޭގެ އެކި ހިސާބުތަކުގައި ގެދޮރު އިމާރާތްކުރުމާއި އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދައްޗަކީ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދިމާވާ ދަތިތަކެވެ.

މިތަކެތި މާލެއިން ގަނެގެން ރަށްރަށަށް ގެންދިޔުމަށް ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ. ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރާ ކުންފުންޏަކީ އެސްޓީއޯއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަންއިން މިހާރުވަނީ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެސްޓީއޯއިން މިހާރުވަނީ އެކުންފުނިން ރާއްޖޭގައި ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކާދިނުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުން ހޯދުމަށް އިޢުލާންކޮށްފައެވެ. އެސް.ޓީ.އޯއިން ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓުން ނެގުމަށް ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައެވެ. ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ، ސޭލްސް އެންޑް އޮޕަރޭޝަންސްގެ މެނޭޖަރ ޝިޔާޙް އަޙްމަދު ވިދާޅުވީ އެޖުންޓުނަށްވުމަށް ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅުކުރުމުންދާ ކަމަށެވެ.

" އެސްޓީއޯގެ ފިހާރަ ނުހުންނަ ރަށްރަށަށް މިހުޅުވާލަނީ، އެގޮތުން 11 އަތޮޅަކުން 22 އެޖުންޓުން ނެގުމަށް ހުޅުވާލެވިފައިވަނީ، ވަރަށް ގިނަ ފަރާތަކުން ވަނީ ރަޖިސްޓަރވުމަށް ފޮނުވާފައި، މިހާރުވެސް ކޮންމެ އަތޮޅަކުން 2އަކަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ،" ޝިޔާޙް ވިދާޅުވިއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންގެ އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު ހޮޅީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނު ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) އެޖެންޓުންނެވެ. އެގޮތުން ނެގޭ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން 02 (ދޭއް) އަތޮޅަށެވެ. ރަޖިސްޓަރވުމުގެ ސުންގަޑިއަކީ މިމަހުގެ 18ވަނަ ދުވަސް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެސްޓީއޯއިން މިހާރުވެސް ދަނީ އެޖެންޓުން މެދުވެރިކޮށް އެކުންފުނިން ވިއްކާ ކާޑުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށަށް ވިއްކަމުންނެވެ. މިބަދަލާއި އެކު އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކާޑުގެ ބާވަތްތައް ވިއްކާ އަގުތަކަށްވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.