އަވަށްޓެރި އިންޑިއާގެ އެންމެބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އެމެޒޮން އިންޑިއާއާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިން ކުރިޔަށްދާނީ މިމަހުގެ 14އިން މެއިމަހުގެ 13ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ވިދާޅުވީ މިކެމްޕެއިންގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ރާއްޖެ ވަކިރަށްތަކެއްގެ ގޮތުގައި އުފެދިފައި ވުމުން، ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިސްތިހާރު ކުރެވޭނެއެވެ.
މިކެމްޕެއިންގައި އެމަޒޮން އިންޑިއާ ޕްލެޓްފޯމަށް ދުވާލަކު ޒިޔާރަތް ކުރާ 35 މިލިއަން ކަސްޓަމަރުންނަށާއި ކޮންމެ މަހަކު ޒިޔާރަތް ކުރާ 310 މިލިޔަން ކަސްޓަމަރުންނަށް އަމާޒުކޮށް ރާއްޖެ އިސްތިހާރު ކުރެވޭނެއެވެ. މި ކެމްޕެއިންގެ މަޤްސަދަކީ އިންޑިއާ މާކެޓް އިތުރަށް ވަރުގަދަކޮށް, ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުންކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
މި ކެމްޕެއިންގެ ތެރޭގައި އެމަޒޮން އިންޑިއާގެ އެންމެ މަގުބޫލު ޕޭޖު ތައްކަމަށްވާ "މޮބައިލް ބިލޯ ދަ ފޯލްޑް"އާއި "އެމޭޒަން ޕޭ"އާއި "ތެންކިޔު" ޕޭޖުގައި ރާއްޖެ އިސްތިހާރު ކުރާނެއެވެ.
އެމަޒޮން އެޕް މެދުވެރިކޮށް އެންމެ ގިނައިން ވިޔަފާރި ކުރާ ފަރާތްތަކާއި ފަތުރުވެރިކަމަށާއި ޓްރެވަލް އަދި ޓެކްނޮލޮޖީގެ ކެޓަގަރީން އެންމެ ގިނައިން ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް މިކެމްޕެއިންއިން އަމާޒުކޮށް 9 މިލިޔަން އިންޕްރެޝަން ހޯދޭނެއެވެ.
އިންޑިއާގެ އާބާދީގެ ތެރެއިން، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޚިދުމަތް ހޯދާ %77 ކަސްޓަމަރުން އެމަޒޮން އިންޑިއާގެ ޚިދުމަތް ހޯދައެވެ.
މީގެތެރެއިިން %65 ކަސްޓަމަރުންނަކީ ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކެވެ. މި އެޕްލިކޭޝަންގެ މަޤްބޫލްކަމުގެ ސަބަބުން މި ކެމްޕެއިން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގެ އާބާދީގެ ބޮޑުބަޔަކަށް އިސްތިހާރު ކުރެވޭނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.
އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ރާއްޖެއަށް 298570 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 69730 ފަތުރުވެރިންނަކީ އިންޑއާއިން ރާއްޖެއަށް އައި ފަތުރުވެރިންނެވެ.