ވިޔަފާރި

ރޯދަމަހު އެއްވެސް ދަތިކަމެއްނެތި، އަގުހެޔޮކޮށް މުދާ ލިބޭނެ: އައްޑޫ ވިޔަފާރިވެރިން


ރޯދަމަހަށް ހާއްސަކޮށް ވިޔަފާރިތަކުން ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރެއެވެ. މިކަން ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ފެންނައިރު، ރާއްޖޭގެ ދެކުނުން އައްޑޫސިޓީގައި ވެސް މިމަންޒަރު ރޯދަމަހާއި ދިމާކޮށް މިދަނީ ފެންނަމުންނެވެ.

އައްޑޫގައި މިވަގުތު ލޯކަލް މާރުކޭޓެއް ނެތުމުން ހުރިހާ ބާވަތެއްވެސް ލިބެނީ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ފިހާރަތަކުންނެވެ. ރޯދަމަހާއި ދިމާކޮށް ވިޔަފާރިތަކުން މުދާ އެތެރެކޮށްފައިވާއިރު ގިނަ ވިޔަފާރިތަކުން އަމާޒު ހުރީ މިމަހުގެ ތެރޭގައި ބާޒާރަށް އެއްވެސް މުދަލެއް ދަތިކަމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އައްޑޫއަށް ގިނަ އަދަދަކަށް ކަނޑުމަގުން މުދާ އެތެރެކުރުމަށް ގިނަ ވިޔަފާރިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ޓުޓިކޮރިންއިން މުދާ އެތެރެކުރެވެން ފެށުމާއެކު ބާޒާރު މަތީގައި ހުރި މުދަލުގެ އަގުހެޔޮވެގެން ދިޔަކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. ރޯދަމަސް ފެށިގެން އައިއިރު އައްޑޫގެ ބާޒާރުމަތިން އާންމުކޮށް ލިބެން ހުންނަ ފިޔާ، އަލުއި، ބިސް ފަދަ ތަކެތި އިންޑިއާގެ ޓުޓްކޮރިންއިން އަންނަ ކާގޯ ފެރީއާއެކު ވަނީ އަގުހެޔޮވެގެން ގޮސްފައެވެ.

އެގޮތުން އެވްރެޖްކޮށް ފިޔާ ކިލޯއެއް 10ރ. އާއި 13ރ. އަށް ބާޒާރު މަތިން ލިބެން ހުރިއިރު، އަލުވި އުޅެނީ 10ރ. އާއި 15ރ. ދެމެދުގެ އަގެއްގައެވެ. މީގެ އިތުރުން ބިސް 1.25ރ އަށް ލިބެން އެބަހުއްޓެވެ. މޭވާ ތަރުކާރީގެ ބާވަތްތަކަށް ބަލާއިރު މައިގަނޑު ގޮތެއް ކަރާ ގެނެސްފައިވަނީ އިންޑިއާއިންނެވެ. އޭގެ އަގު އުޅެނީ 15 ރުފިޔާއަށް ކިލޯއެއްގެ ރޭޓުންނެވެ. މިދުވަސްވަރު ދިވެހި މިރުސް ތަންކޮޅެއް އަގު ބޮޑުވެފައިވާކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 300 ރުފިޔާއާއި 400 ރުފިޔާއަށްވެސް މިރުސް ކިލޯއެއްގެ އަގު އުޅެއެވެ.

މީގެ އިތުރުން އެހެނިހެން ތަރުކާރީ ބާވަތްތަކަށް ބަލާއިރު، އައްޑޫގެ ބައެއް ދަނޑުތަކުގައި ހައްދާ ތަކެތިވެސް ވިޔަފާރިތަކުން ވިއްކައެވެ. އެގޮތުން ހުޅުމީދޫ ކޯޕަރޭޓިވްގެ ތަކެތި ބައެއް ވިޔަފާރިވެރިން ގަންނައިރު، ލ. އަތޮޅުންވެސް ބައެއް ވިޔަފާރިވެރިން ތަކެތި ގެންނަކަން ފާހަގަކޮށްލެވެއެވެ.

އައްޑޫގެ ވިޔަފާރިތަކުން ރޯދަމަސް ފެށުމާއެކު ދޭ ޔަޤީންކަމަކީ އެއްވެސް ބާވަތެއް ހުސްވެގެން އުޅެން ނުޖެހި ފޯރުކޮށް ދެވޭނެކަމެވެ. ނަމަވެސް ބައެއް މުދާ ގެނައުމުގައި އެއާފްރައިޓު ކުރަން ޖާގަ ނުލިބުމާއި ކަނޑުމަގުން ގެނައުމުގައިވެސް އިންތިޒާމު ހަމަޖެއްސުމުގައި ދަތިތަކެއް ހުރިކަން ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އަދި އައްޑޫސިޓީގެ ބާޒާރު މަތީގެ އަގުތައް އެއްވަރެއްގައި ނުހިފެހެއްޓި އޮންނަ އެންމެ ބޮޑު އެއް ސަބަބަކީ މުދާތައް އެކި ސަރަހައްދުތަކުން ގެންނަންޖެހޭތީކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.