ޚަބަރު

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެ ޢަދަދު 69އަށް


ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ނިޔާވެފައިވަނީ، ހާލުދެރަވެގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އެމަޖެންސީއަށް ގެންދިޔަ މީހެއްކަމަށެވެ. މި މީހާ އެހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 04:00 އެހައިކަންހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިމީހާ ގެންދިޔަ އިރުވެސް ހަރަކާތް ނެތްކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޢަދަދުވަނީ 69އަށް އަރާފައެވެ. މިއީ މިބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ. މިއަދު ނިޔާވި ފުރަތަމަ މީހާ ނިޔާވެފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި، ކޮވިޑް-19އަށް ފަރުވާދެމުން ދަނިކޮށެވެ.