ވިޔަފާރި

އިގްތިސާދީ ހީނަރުކަމުން ދަނީ އަރައިގަނެވެމުން: މާލީ ވަޒީރު


ކޯވިޑް-19ގެ ކުރިން އިޤްތިޞާދު އޮތް ހާލަތާއި ގާތަށް މިއަހަރު ރާއްޖޭގެ އިޤްތިޞާދު އިޔާދަ ކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިކަން ފާހަގަކުރެއްވީ، ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ދީފައިވާ ހުއްދަ، އިތުރު އެއްއަހަރަށް ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދައުލަތުގެ ޙަރަދުތައް ފޫބެއްދުމަށް އޯވަރޑްރޯ ފެސިލިޓީ ވަރަށް ބޮޑަށް އެހީތެރިވެ ދޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިޤްތިޞާދު އެއްކޮށް ހަމައަކަށް އެޅިފައިނުވުމަކީ މިހާރު ޤާނޫނުން ދީފައިވާ އިސްތިސްނާތައް އެއް އަހަރަށް ދަންމަން އެދުނު ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސަމީރު ވިދާޅުވީ، މިދިޔަ އަހަރު 4 ކުއާޓަރގައިވެސް އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުވާ މިންވަރު ހުރީ %0 އަށް ވުރެ ދަށުގައިކަމަށެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ގައި އިޤްތިޞާދު %4.2 ދަށްވެގެން ދިޔައިރު، ދެވަނަ ކުއާޓަރ ގައި %51.8 ދަށްވެގެން ދިޔައެވެ. އަދި 3 ވަނަ ކުއާޓަރ ގަައި، %44.2 ދަށްވެގެން ދިޔައިރު ފަހު ކުއާޓަރގައި މިއަދަދު ހުރީ %30.5ގައެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ލަފާ ކުރެވޭ ގޮތަށް ބަލާއިރު މިއަހަރުވެސް ކުއާޓަލީ ޖީޑީޕީ ދަށަށް ދާނެއެވެ. މީގެ އިތުރުން އަން-އެންޕްލޮއިމެންްޓް ރޭޓް އަދި ބެލެންސް އޮފް ޕޭމެންޓުގެ ދަތިކަން ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް ސަރުކާރުން އިޤްތިޞާދު ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކާއެކު މިއަހަރު ރާއްޖޭގެ އިޤްތިޞާދު ކޯވިޑް-19ގެ ކުރީގެ އިޤްތިޞާދީ ހާލަތުގެ %85 އާއި %90 ދެމެދުގެ ސައިޒަކަށް އިޔާދަ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޙަރަދުތައް ފޫބެއްދުމަށް މިދިޔަ އަހަރު އެޕްރީލް މަހުގެ ތެރޭގައި ނެގި އޯވަރ ޑްރާފްޓް ފެސިލިޓީގެ ޙަރަދުތައް ކުރެވުނީ ބަޖެޓުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން، ދައުލަތުގެ އެކައުންޓިން ނިޒާމުގެ ތެރެއިން ކުރެވިގެން ދާކަން އޭސީސީ އަދި އޮޑިޓަރ ޖެނެރަލް އޮފީހުން ޔަޤީން ކުރައްވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

" މިފެސިލިޓީ އަކީ އަބަދު 4.4 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފައި އޮންނަ އޮތުމެއް ނޫން. މިގޮތުން އެކި މަސްމަހުގައި އޯވަރ ޑްރޯ ކުރެވޭ އަދަދު ތަފާތުވެގެން ދާނެ. ބައެއް މަސްމަހު 4 ބިލިއަނާއި ހަމައަށް އޯވަރ ޑްރޯ ކުރެވުނު ނަމަވެސް، ބައެއް ފަހަރު 500 މިލިއަނާއި ހަމައަށް ވެސް މި އަދަދު ތިރިވެފައި ވާނެ. މިހާރުވެސް މިފެސިލިޓީ ބޭނުން ކުރަން ޤަސްތު ކުރަނީ މިބީދައިން ކޭޝްފްލޯ މެނޭޖް ކުރުމަށް ޓަކައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، ބަޖެޓު ކޯޑުން ބޭރުން އެއްވެސް ޙާރަދެއް ނުކުރެވޭއިރު، މިފަދަ އޯވަރޑްރޯ ފެސިލިޓީއަކީ ދައުލަތައް ލިބޭ އާމްދަނީ ދައްވާ ހިނދު ޙަރަދު މެނޭޖް ކުރުމަށް ބޭނުން ކުރެވޭ އެއް ޓޫލްކަމަށް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް މިދިޔަ އަހަރު އެޕްރީލްމަހު ވަނީ ދީފައެވެ. މިކަމަށްޓަކައި ޤާނޫނުން ދީފައިވާ އިސްތިސްނާތައް އިތުރު އަހަރަކަށް ދެމެހެއްޓުމަށް މަޖިލީހުގައި ސަރުކާރުން މިހާރު ވަނީ އެދިފައެވެ. ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިމައްސަލައިގައި މާދަމާ ވޯޓަށް އަހާނެ ކަމަށް ވިދާޅުވެފައެވެ.