އައްޑޫސިޓީ މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މަރަދޫގައި މަސް މާރުކޭޓެއް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ، ޕްލޭނިންގް މިނިސްޓްރީގެ އިމާރާތް ކުރުމާއި ބެހޭ ޤަވާއިދުގެ ދަށުން ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށެވެ. މަސް މާރުކޭޓު އެޅުމާއި ގުޅޭ ބީލަން ފޮތް މިއަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވާހައި ހަމައަށް ކައުންސިލް އިދާރާއިން ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 300ރ ދައްކަން ޖެއެވެ.
ބީލަމާއި ގުޅޭ މައުލޫމާތު ސެޝަން މިއަންނަ މެއި މަހު 2 ވަނަ ދުވަހު 10 ޖަހާއިރު އައްޑޫސިޓ ކައުންސިލް އިދާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބީލަމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރެޓީގެ ގޮތުގައި 1500ރ ދޭން ޖެހެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 6 މެއިވާ ބުރާސްފަތި ދުވަހު 11:00 ޖަހާއިރުއެވެ.
މަރަދޫގައި މަސް މާރުކޭޓެއް އެޅުމަކީ މަރަދޫގެ ގިނަ ރައްޔިތުންގެ އެދުމެކެވެ. އައްޑޫސިޓީގެ އަވަށްތަކުގެ ތެރެއިން، މަރަދޫ އަކީ އައްޑޫގެ އެންމެ ގިނަ މަސްވެރިން ދިރިއުޅޭ އެއް އަވަށެވެ. ނަމަވެސް އައްޑޫގެ އެއްވެސް އަވަށެއްގައި، މަސް މާރުކޭޓެއް ނެތުމުން މަސް ގަންނަން ޖެހެނީ ދޯނި ފަހަރު ބަނދަރަށް ކައިރި ކުރުމުން އެ ސަރަހައްދަކުންނެވެ.