ޚަބަރު

ވެކްސިންގެ ދެވަނަ ޑޯޒް ތަފާތު ބްރޭންޑަކުން ޖެހުނު މައްސަލައެއް ބަލަނީ


ކޯވިޑް ދިފާޢު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގައި ތަފާތު ބްރޭންޑެއްގެ ވެކްސިންއެއް މީހެއްގެ ގަޔަށް ޖެހުނު މައްސަލައެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބަލަން ފަށައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ މިކަމާ ގުޅިގެން އިންވެސްޓިގޭޝަނެއް ފަށާފައިވާކަމަށެވެ. ނަމަވެސް މިޙާދިސާ ހިނގާފައިވާ ވެކްސިން ސެންޓަރާ، އަދި މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެޗްޕީއޭއިން ޙިއްސާކޮށްފައެއް ނުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިރެޓަރ އަޙުމަދު ނާސިރު ވިދާޅުވީ މި ވެކްސިން ދެވުނު މީހާގެ ސިއްޙީ ޙާލަތު ގާތުން މޮނިޓަރ ކުރަމުންދާކަމަށާއި، ހާލު ރަނގަޅުކަމަށެވެ. އަދި އެކަމާ ގުޅިގެން ސިއްޙީ މާހިރުންގެ ލަފަޔާ މަޝްވަރާ ހޯދަމުންދާއިރު، ޑަބްލިއުއެޗްއޯގެ މަޝްވަރާވެސް ދަނީ ހޯދަމުންނެވެ.

"އެރަރ ރިޕޯޓެއްގެ ގޮތުގައި މިބަލަނީ. އެ މީހާގެ ޙާލަތު ވަރަށް ގާތުން ބަލަމުން މިދަނީ. އެކިއެކި ދިރާސާތަކުގަ ހުރި ކަންކަމަށް ބަލާއިރު ވަކި ގެއްލުމެއް ލިބިދާނެ ޙާލަތެއް އޮތްކަމަށް އަދި ނުފެނޭ." ނާސިރު ވިދާޅުވިއެވެ.

މި މައްސަލައަކީ ބަލަމުންދާ މައްސަލައަކަށްވާތީވެ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މިފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް ކުރެވެންހުރި މަސައްކަތްތައް ކުރާނެ ކަމަށް އެޗްޕީޢޭއިން ވިދާޅުވިއެވެ. މިއީ ވެކްސިންއާ ގުޅިގެން މިފަދަ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެވެ.

މިހާތަނަށް އައިއިރު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 280،000އަށްވުރެ ގިނަ މީހުންވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 60،000އަށްވުރެ ގިނަ މީހުން ޖަހާފައިވެއެވެ.

ރާއްޖޭގައި 3 ބާވަތުގެ ވެކްސިންދަނީ ޖަހަމުންނެވެ. އެއީ ކޮވިޝީލްޑާ ސިނޯފާމް އަދި ފައިޒާ ވެކްސިންއެވެ.