ޚަބަރު

ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެބާރު ރައީސަށް ލިބިދޭގޮތަށް ޤާނޫނު އިސްލާޙުކުރަން ކޮމިޓީން ފާސްކޮށްފި


ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ފާސްކުރި ރިޕޯޓުގައިވާގޮތުން އާންމު ޞިއްޙަތަށް ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި، ޢާންމުޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި އިސްލާޙުގައިވާގޮތުން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، މިފަދަ ޙާލަތެއް ކުރިމަތިވެއްޖެކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ފެނިވަޑައިގެންފިނަމަ، އޭނާ އެކަމުގެ ލަފާއާއި މައުލޫމާތު ސިއްޙަތާއިބެހޭ ވަޒީރަށް އަންގުމުން، ވަޒީރަށް ދޭ ލަފާގެ މަޢުލޫމާތު ވަގުތުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވަންވާނެއެވެ.

އަދި މި ބިލު ޤާނޫނަކަށްވުމުން ޤާނޫނުގައި ބަޔާންކުރާ ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ޙާލަތުގައި ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11ވަނަ ބާބު ގައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ކޮމިޓީން ގެނައި އިސްލާޙުގައިވެއެވެ.

މިގޮތަށް އިސްލާޙުގެނެސްފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަކީ ކަމާގުޅުންހުރި މިނިސްޓަރު އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ބަދަލުގައި، ޤާނޫނު އަސާސީގެ 253ވަނަ މާއްދާއިން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއްކަމަށްވާތީ، އެމާއްދާގައިވާ ގޮތުގެމަތިން، އެއީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ
ގޮތުގައި ކަނޑައެޅުމުގެ ގޮތުންންކަމަށް ކޮމިޓީ ރިޕޯޓުގައިވަނީ ފާހަގަކޮސްފައެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ކޮމިޓީ މަރުހަލާއިން އިސްލާޙު ގެނެސްފައިވާއިރު، ކޯވިޑް-19އާ ގުޅިގެން ޑިރެކްޓަރ ޖެނަރަލް އޮފް ޕަލްލިކް ހެލްތުގެ ލަފައާ އެއްގޮތަށް ހެލްތް މިނިސްޓަރަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ލިބިދީފައިވާތީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ތަމްސީލުކުރާ މަޖިލިސް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގޮވާލައްވާފައެވެ.

ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ކޮމިޓީން ގެނައި އަނެއް އިސްލާޙުގައިވަނީ، ޤާނޫނުގައި ބަޔާންކުރާ ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ
ޚަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރު، ތަފްޞީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން ނޫނީ އެފައިސާ ބޭނުންކޮށްގެން ނުވާނެކަމަމަށެވެސް ކޮމިޓީން ގެނައި ދެވަނަ އިސްލާޙުގައިވެއެވެ.