ޓުއަރިޒަމް

2016 ބަޖެޓް: ފަތުރުވެރިކަން ކުރިއެރުވުމަށް 174 މިލިއަން ރުފިޔާ


2016 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރެއްވުމަށް 174 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމުގެ ޙަރަކާތްތައް ހިންގެވުމަށް ބޭނުންވާ ފައިސާވެސް ހިމެނެއެވެ.2016 ވަނަ އަހަރަށް ދައުލަތުން ލަފާކުރައްވާ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށްޓަކައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވަނީ މުހިންމު ގިނަ ޕްރޮގްރާމްތަކެއް ހިމަނުއްވާފައެވެ. އެގޮތުން އަންނަ އަހަރަކީ "ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އަހަރު"ގެ ގޮތުގައި ފާހަގަކުރައްވަން ހަމަޖެހިފައިވާ އަހަރެވެ. އެހެންކަމުން ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރެއްވުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން އިތުރު ހޭދަތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެއާއެކު ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ ފަދައިން ރާއްޖޭގައި ނުހެދި ހުރި ރިސޯޓްތައް ހެދުމަށް 4 އިންސައްތައަށްވުރެ ދަށް އިންޓަރެސްޓް ރޭޓެއްގައި ލޯނު ހޯދާ ފަރާތްތަކަށް ސަވަރިން ގެރެންޓީ ދިނުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. ހަމައެހެންމެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ބަޖެޓުގައި ހުށަހަޅާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، އިތުރު 10 ރަށް ޓުއަރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްގެން 462 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. 2015 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ކުރިއެރުން މަޑު ޖެހޭނެކަމަށް ލަފާކުރެވިފައިވީ ނަމަވެސް 2016 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް" އަހަރު ކަމުގައިވެފައި، މިކަމާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރު ޙަރަކާތްތަކެއް ރޭވިފައިވުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، މިދާއިރާގެ ކުރިއެރުން އިތުރުވެގެންދާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. އަދި ވިލާތުގެ އިޤްތިޞާދު ކުރިއަރާ މިންވަރު މަޑުމަޑުން ހަލުވިވަމުން ދިއުމާއެކު ޔޫރަޕުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވާނެ ކަމަށްވެސް ސަރުކާރުން ވަނީ ލަފާކުރައްވާފައެވެ.މީގެ އިތުރުން 2016 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ 4،510.9 މިލިއަން ރުފިޔާއަކީ 2015 ވަނަ އަހަރަށް ޓީޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރާ 4،266.9 މިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 5.7 އިންސައްތަ އިތުރު އަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ 2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް މިހާރު ލަފާކުރާ ފަތުރުވެރިންގެ އަދަދަށްވުރެ 2016 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު 5.2 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭތީއެވެ.2015 ވަނަ އަހަރުގެ ބަޖެޓާއެކު އާމްދަނީ އިތުރުކުރުމަށް ހުށަހެޅުނު އައު ކަންތައްތަކުގެ ތެރޭގައި ގްރީން ޓެކްސްއެއް ނެގުމަށް ދިވެހިރާއްޖޭގެ ޓޫއަރިޒަމާބެހޭ ޤާނޫނަށް ގެނަވުނު އިޞްލާޙާއެކު މިޓެކުހުން 2016 ވަނަ އަހަރު 654.2 މިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކުރައްވައެވެ. މީގެ މައިގަނޑު ސަބަބަކީ، 2015 ވަނަ އަހަރާއި އަޅާބަލާއިރު 2016 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޔަތް 5.2 އިންސައްތަކުރި އަރާނެކަމަށް އަންދާޒާކުރެވޭތީއެވެ.2016 ވަނަ އަހަރަށް ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ 3,721.8 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ޙިއްޞާކުރަނީ ރިސޯޓުތަކުން ލިބޭ ކުއްޔާއި، ސަރުކާރު ޙިއްޞާވާ ތަންތަނުން ލިބޭ ފައިދާއެވެ. ރިސޯޓުތަކުގެ ކުލީ ނުވަތަ ލޭންޑް ރެންޓްގެ ގޮތުގައި 2016 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވިފައިވަނީ 1,513.8 މިލިއަން ރުފިޔާއެވެ. މިއީ، މިހާރު 2015 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ 1,305.9 މިލިއަން ރުފިޔާއަށް ވުރެ 15.9 އިންސައްތަ އިތުރު ޢަދަދެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ތެރެއިން ރިސޯޓުތައް 50 އަހަރަށް ކުއްޔަށް ދިނުމާއި ގުޅިގެން ނަގާ ފީ ނުވަތަ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީއިން ލިބޭނެކަމަށް ލަފާކުރައްވާ އާމްދަނީގެ ބޮޑުބައެއް 2015 ވަނަ އަހަރު ދައްކާ ނިމޭނޭތީ، މިބައިން 2016 ވަނަ އަހަރަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކުރައްވާފައެވެ.