މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެތެރޭ ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ، ކޮންމެ ތިންމަހަކުން ނެރޭ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ.
އެމްއެމްއޭގެ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގެ މިހާރުގެ ހާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިއްމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސަރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.
އެމްއެމްއޭގެ މިއަހަރުގެ ފުރަތަމަ ކުރާޓަރުގެ ބިޒްނަސް ސާވޭ ރިޕޯޓުގައިވާގޮތުން ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަން، ކޮންސްޓްރަކްޝަން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަންގެ ދާއިރާއަށް ވަނީ ކުރިއެރުން ލިބިފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިވަނީ ވަޒީފާގެ ގިނަ ފުރުސަތުތަކެއް އުފެދިފައި ކަމަށާއި، އެހެން ނަމަވެސް ވަޒީފާގެ އަދަދުތައް ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ދާއިރާއިން އަދި ކޮންސްޓްރަކްޝަން ދާއިރާއިން އަދިވެސް ދަނީ ދަށަށްކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައިވާ ގޮތުން އަހަރުގެ ދެވަނަ ކުއާޓަރުގައި ރިސޯޓު ބުކިންތައް ދަށްވެ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދަށްވާނެއެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން ދާއިރާއަށް އަހަރުގެ ދެވަނަ ކުއާޓަރުގައި އިތުރުކުރިއެރުން ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
އެމްއެމްއޭގެ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވާ ގޮތުން ކޯވިޑް -19 އަށްފަހު ފުރަތަމަ ފަހަރަށް ކޮންސްޓްރަކްޝަން ސިނާއަތުގެ، އެކްޓިވިޓީ އިންޑެކްސް ވަނީ ޕޮޒިޓިވް އަދަދަކަށް އަރާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި އަދަދު ސަތާރަ ޕޮއިންޓަށް އިތުރުވެފައިވާއިރު، މިިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މި އަދަދު ހުރީ 3- ގައެވެ.
2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން އާއްމުކުރާ ބިޒްނަސް ސާވޭ އަކީ، ކުރުމުއްދަތުގެ ތެރޭގައި ވިޔަފާރިތަކުގެ މުހިންމު މިންތަކަށް އައިސްފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ދެކޭގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސާވޭއެކެވެ.
މި ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުންކަމަށް އެމްއެމްއޭއިން ބުނެއެވެ.